އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށާއި ބެލިސްޓިކް މިސައިލް ފެކްޓްރީތަކަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފި އެވެ.

އެ ހަމަލާތަކުގައި އީރާނުގެ އިންގިލާބީ ފައުޖުގެ އިސްވެރިޔާ، ހުސައިން ސަލާމީ އާއި އެ ގައުމުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ޖެނެރަލް މުހައްމަދު ބަގޭރީ ވަނީ މަރުވެފަ އެވެ.

"އިޒްރޭލުން އިރާނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު އަދި ސަރަހައްދީ ސުލްހައާއި ހަމަޖެހުމަށް ނުރައްކާވާ ފަދަ އަމަލުތަކެއް. ނުތަނަވަސްކަން އިތުރުވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ،" ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އިޒްރޭލުން އަދިވެސް ދަނީ އީރާނަށް ހަމަލާ ދެމުންނެވެ. އޭގެ ބަދަލުގައި އީރާނުން ވަނީ އިޒްރޭލަށް 100 އަށްވުރެ ގިނަ ޑްރޯން ފޮނުވާލައިފަ އެވެ. ނަމަވެސް އެ ޑްރޯންތަކުން އިޒްރޭލަށް އެއްވެސް ގެއްލުމެއް ލިބުނު ކަމަކަށް މިހާތަނަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ.