ރޭ ދަންވަރު އިޒްރޭލުން ދިން ވަރުގަދަ ހަމަލާތަކުގެ ރައްދެއްގެ ގޮތުގައި އީރާނުން އިޒްރޭލަށް 100 ޑްރޯން ފޮނުވާލާފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ރޭ ދަންވަރު ދިން އެ ހަމަލާތަކަކީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށާއި ބެލިސްޓިކް މިސައިލް ފެކްޓްރީތަކަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށެވެ.

އެ ހަމަލާތަކުގައި އީރާނުގެ އިންގިލާބީ ފައުޖުގެ އިސްވެރިޔާ، ހުސައިން ސަލާމީ އާއި އެ ގައުމުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ޖެނެރަލް މުހައްމަދު ބަގޭރީ އާއި ނިއުކްލިއާ ސައިންޓިސްޓް ފެރޭދޫން އައްބާސް އާއި މުހައްމަދު މަހްދީ ތެހްރާންޗީ ވަނީ މަރުވެފައެވެ.

އެ ހަމަލާތަކާ ގުޅިގެން ހަރުކަށި އަދަބެއް ދެއްވާނެ ކަމަށް އީރާނުގެ ރޫހީ ވެރިޔާ އާޔަތުالله އަލީ ހަމަނާއީ ވަނީ އިންޒާރު ދެއްވައިފަ އެވެ. އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރި ކުރައްވައި ހަމަނާއީ ދެއްވި އިންޒާރުގައި ވިދާޅުވީ، އިޒްރޭލުން ދެމުންދާ ހަމަލާތަކާއި ހިންގަމުންދާ ޖަރީމާތަކުން އެ މީހުންގެ ނުބައި ނުލަފާ، ލެއިން ތަަތްތެޅިފައިވާ އަތް ދައްކަމުންދާ ކަމަށެވެ.

އެ ހަމަލާތަކުގެ ބަދަލުގައި އީރާނުން ދޭ އަދަބު ވެގެން ދާނީ ހަރުކަށި އަދި ހިތި އަދަބަކަށް ކަމަށްވެސް ވިދާޅުވި އެވެ.

ހަމަނާއީ އެހެން ވިދާޅުވިތާ މާ ގިނައިރުތަކެއް ނުވެ އިސްރާއީލްގެ އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނަރަލް އެފީ ޑެފްރިން ވަނީ މިދިޔަ މަދު ގަޑިއިރުތަކުގެ ތެރޭގައި އީރާނުން އިޒްރޭލަށް 100 އަށްވުރެ ގިނަ ޑްރޯން ފޮނުވާލާފައިވާ ކަމަށާއި އެ ހަމަލާ ނާކާމިޔާބު ކޮށްލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

ނަމަވެސް އެކަމާ ގުޅިގެން އީރާނުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.