އިޒްރޭލުން އީރާނަށް ރޭ ދަންވަރު ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން ތެލުގެ އަގު ބޮޑުތަނުން މައްޗަށް ހިނގައްޖެއެވެ.

އެ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ހަމަނުޖެހުން ބޮޑުވެ، ތެލުގެ ސަޕްލައިއަށް އަސަރު ކޮށްފާނެކަމުގެ ބިރު ބޮޑުވެފައިވާއިރު ތެލުގެ އަގު ބަލާ ބެންޗްމާކެއް ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު ވަނީ ފީފާއަކުން 6.29 ޑޮލަރު ނުވަތަ 9.07 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

އެއާއެކު ބްރެންޓް ކްރޫޑް ފީފާއެއް މިހާރު ހުރީ 78.50 ޑޮލަރަށެވެ. މިއީ މި އަހަރުގެ ޖެނުއަރީ 27ގެ ފަހުން ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

ޔޫއެސް ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ކްރޫޑްގެ އަގު ވެސް ވަނީ ފީފާއަކުން 6.43 ޑޮލަރު ނުވަތަ 9.45 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އެ ބާވަތުގެ ފީފާއެއް މިހާރު ހުރީ 77.62 ޑޮލަރަށެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ރޭ ދަންވަރު ދިން އެ ހަމަލާތަކަކީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށާއި ބެލިސްޓިކް މިސައިލް ފެކްޓްރީތަކަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ހަމަލާތަކެއް އެ ގައުމުގެ ވެރިރަށް ތެހެރާން އަދި ޔުރޭނިއަމް ފައްކާ ކުރާ މައި މަރުކަޒު ހުންނަ ނަތަންޒްއަށާއި ތަބްރީޒްގައި ހުންނަ ނިއުކްލިއާ ދިރާސާކުރާ ސެންޓަރަށް އަމާޒުވި އެވެ.