ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިން 'ސީސީ' ގައި ދަމަހައްޓައިފިއެވެ.
މިދިޔަ އަހަރުގެ ތެރޭގައި ދެ ފަހަރަށް ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރިއެވެ. އެގޮތުން، 2022 އަދި 2023 ގައި "ބީ ނެގެޓިވް" ގައި ހުރި ރޭޓިން "ސީސީސީ ޕްލަސް" އަށް ދަށްކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓު މަހު ރާއްޖޭގެ ރޭޓިން "ސީސީ" އަށް ދަށްކުރިއެވެ.
ފިޗުން ރާއްޖޭގެ ރޭޓީން ދެމެހެއްޓީ ސަރުކާރުން ގެނައި މުހިންމު ބޭރު ފައިސާގެ އިސްލާހުތަކާ ގުޅިގެން ބޭރު ފައިސާގެ ރިޒާވް ފާހަގަކޮށްލެވޭ ވަރަށް އިތުރުވެފައިވާތީއެވެ.
މިދިޔަ އޭޕްރީލް މަހު ރާއްޖޭގެ ރަސްމީ ރިޒާވް އެސެޓްސް ވަނީ 856.3 މިލިއަން އެމެރިކާ ޑޮލަރަށް އަރައިފައެވެ. މިއީ ބޭރު ފައިސާގެ ލިކުއިޑިޓީ ވަރުގަދަވެފައިވާކަން ދައްކުވައިދޭ ކަމެކެވެ. މި ކުރިއެރުން އައިސްފައިވަނީ ބޭރު ފައިސާއާ ގުޅޭ ގާނޫނު ތަންފީޒުކުރުމުގެ ސަބަބުންނެވެ.
އެ ގާނޫނުގެ ދަށުން ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކުން ވަކި އަދަދަކަށް ބޭރު ފައިސާގެ އާމްދަނީ ބަދަލުކުރަން ޖެހެއެވެ. މީގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ބޭންކުތަކުން ބަދަލުކުރަންޖެހޭ ބޭރު ފައިސާގެ ނިސްބަތް 60 ޕަސަންޓުން 90 ޕަސަންޓަށް އިތުރުކޮށްފައިވެއެވެ.
ރިޒާވް ބޭންކް އޮފް އިންޑިއާ އާއި އެމްއެމްއޭއާ ދެމެދު ގާއިމުކުރެވިފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ބޭނުންކުރުމަކީވެސް ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް އެހީތެރިވެފައިވާ ކަމެކެވެ.
މި ފިޔަވަޅުތަކަކީ ރާއްޖޭގެ އިގުތިސާދު ދެމެހެހެއްޓުމަށާއި ބައިނަލްއަގުވާމީ އިންވެސްޓަރުންނާއި ބައިވެރިންނަށް ފަހި މާހައުލެއް އުފެއްދުމަށް ސަރުކާރުން ގެންގުޅޭ އަޒުމާ އެއްގޮތްވާ ކަންކަމެވެ.
އަލީ ޔާމިން
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް