ބޭރުގެ ގައުމުތަކަށް ރާއްޖެއިން ދައްކަން ޖެހިފައިވާ ދަރަނީގެ މައްސަލަ ބޮޑުވެފައި ވަނީ ސަރުކާރުތަކުގެ ހާރިޖީ ސިޔާސަތު ފެއިލިވުމުން ކަމަށް ބުނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު ރަނގަޅު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ބާރު ހަތަރެއްގެ ނަމުގައި އެސްއެސްޓީވީން ރޭ ގެނެސްދިން ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރާއްޖެއިން ބޭރުގެ ގައުމުތަކަށް ދައްކަން ޖެހިފައިވާ ދަރަންޏަކީ ސަރުކާރުތަކުގެ ހާރިޖީ ސިޔާސަތު ފެއިލިވުމުގެ ސަބަބުން ކުރިމަތިވި ކަމެއްކަމަށް ބުނުމަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި އެއީ ހާރިޖީ ސިޔާސަތުގެ މައްސަލައެއް ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"ކޮންމެ ގޮތެއްވިޔަސް، ހާރިޖީ ސިޔާސަތަކީ އެއީ ކުއްލިއަކަށް ހަމަ ސަރުކާރު ބަދަލުވާއިރަށް މުޅިން ބަދަލުވެގެންދާ އެއްޗެއް ވެސް ނޫން. ހާރިޖީ ސިޔާސަތު ބިނާވެފައި މި އޮންނަނީ ކުރީން އޮންނަ ސަރުކާރަކުން ވެސް ކަނޑައަޅާފައި އޮންނަ ކަންތައްތަކެއްގެ މައްޗަށް. އެހެންވީމާ އެގޮތުން ހާރިޖީ ސިޔާސަތު ބްލޭމް ކުރުމަކީ އެއީ އިންސާފުވެރިގޮތެއް ކަމަކަށް އަޅުގަނޑު ނުދެކެން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވީ ހާރިޖީ ސިޔާސަތު މިހާރު ވެސް ބިނާވެފައި އޮތީ ރާއްޖެއާ ގާތް ރަހުމަތްތެރި ހުރިހާ ގައުމުތަކާއެކު ވެސް މަސައްކަތްކޮށް، އެ ފަރާތަކުން ލިބެންހުރި އެހީތެރިކަމެއް ހޯދުމަށް ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި ރާއްޖޭގެ ސިޔާދަތަށް އެއްވެސް ގުޑުމެއް ނާރާގޮތަށް ހުރިހާ ކަމެއް ވެސް ގެންދަވާނެ ކަމަށް ރައީސް މުއިއްޒު ވެސް ވަރަށް ސާފުކޮށް ވިދާޅުވަމުންގެންދަވާ ކަމަށެވެ.
"އެކަން އަޅުގަނޑުމެންނަށް އެބަ ފެނޭ، އަޅުގަނޑުމެން އެކިއެކި ގައުމުތަކާ އެކީގައި މިހާރު ވެފައިވާ އެއްބަސްވުންތަކުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން މިހާރު މި ގެންދަނީ ހުރިހާ ގައުމުތަކާއެކު ވެސް ވަރަށް ގާތް ގުޅުމެއް ބާއްވަމުން. އެއް ގައުމުން އަޅުގަނޑުމެންގެ ސެކިއުރިޓީ ކަންތައްތަކާ ތަންކޮޅެއް ގާތްވެވިދާނެ. އިގުތިސާދީ ކަންތައްތައް އަދި ކަލްޗަރަލް ކަންތައްތައް ވެސް އެ ފަރާތްތަކުން ކުރައްވަވަމުން މިދަނީ. އަނެއް ގައުމަކާ އެކީގައި ތަންކޮޅެއް ބޮޑަށް އިގުތިސާދީ ކަންތައްތައް ވަރުގަދަކުރަމުން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަހީދު އިތުރަށް ވިދާޅުވީ ރާއްޖެއަށް އެހީތެރިވާ ހަމައެކަނި ދެ ގައުމަކީ ޗައިނާ އާއި އިންޑިއާ ނޫން ކަމަށާއި އެގޮތުން އޭޝިއާ، ޔޫރަޕް އަދި މެދުއިރުމަތީގެ ކިތަންމެ ގައުމަކުން ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު