ވެރިކަމަށް ކުރިމަތިލެއްވުމުގެ ވިސްނުމެއް ނެތް ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ހުންނެވި ރައީސް ވަހީދު ރޭ ވިދާޅުވީ، ވެރިކަމުގެ ދައުރު އެ މަނިކުފާނަށް ނިމިއްޖެ ކަމަށެވެ. އަދި އުއްމީދަކީ މި ސަރުކާރަށް އަދި ދެން އަންނަ ސަރުކާރަކަށްވެސް ވެދެއްވުނު އެހީތެރިކަމެއް ވެދެއްވުން ކަމަށް ވިދާޅުވި އެވެ.

"ނޫން، އަޅުގަނޑުގެ ވިސްނުމުގައި ނެތް އިންތިހާބަށް ކުރިމަތިލުމެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގަ އަޅުގަނޑުގެ އެ ދައުރު ނިމިއްޖެ،" ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު އެހެން ވިދާޅުވި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުއްރެވޭ ހާލަތެއް އައި ނަމަ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ރައީސް ވަހީދު މަސައްކަތް ކުރެއްވި އެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެއިރު ވަނީ ރައީސް ޔާމީން ޖަލަށް ލެއްވުމުން އެ މަނިކުފާނު މިނިވަން ކުރެއްވުމަށް ރައީސް ވަހީދު އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި އެންމެ ފަހު ވަގުތު މަަސައްކަތް ކުރެއްވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ކަަމަށް ވިދާޅުވެފަ އެވެ.