ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް ނުވަތަ ވާނުވާގައި ތިބި މީހުން އިލެކްޓްރޯނިކް މޮނިޓަރިން ޓެގު އެޅުވުމަށްފަހު، ބަންދުން ލުއި ދިނުމުގެ މަސައްކަތުގެ ދަށުން ލުޔަށް އެދުނު 121 މީހުންގެ ތެރެއިން މިހާތަނަށް ނުވަ މީހަކު ޓެގް އަޅުވާފައި ދޫކޮށްފައިވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން މޮނީޓާ ކުރެވޭނެ އިންތިޒާމެއްގެ ދަށުން ޖަލުން ދޫކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެ މީހުންގެ ހައްގުގައި ވަކާލާތުކުރާ މީހުން މިދިޔަ މަހުގެ ހަތްވަނަ ދުވަހު ވަނީ އެދިފައެވެ. ރައީސް ވަނީ ބަންޑާރަ ނައިބާއި ޕީޖީ އޮފީހާއެކު މަޝްވަރާ ކުރައްވައި އެކަން ކުރެވިދާނެތޯ ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.
އެ މަޝްވަރާތަކަށްފަހު އިލެކްޓްރޯނިކް ޓެގް އެޅުވުމަށްފަހު ދޫކޮށްލުމުގެ މަސައްކަތް މިދިޔަ މަހުގެ 28 ވަނަ ދުވަހު ޕީޖީ އޮފީހުން ވަނީ ފަށައިފައެވެ. އެގޮތުން ޓެގް އެޅުވުމަށްފަހު ފުރަތަމަ ދޫކޮށްލާފައިވަނީ ދެ މީހެކެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު، އެކްސްގައި މިއަދު އާންމުކުރެއްވި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 121 މީހަކު ލުޔަށް އެދިފައިވާ އިރު، ފުލުހުންގެ އެސެސްމެންޓަށްފަހު 20 މީހަކަށް ލުއި ނުދޭން ވަނީ ނިންމައިފައެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޓެގު އަޅުވައި، މިހާތަނަށް ލުއި ދީފައިވަނީ ނުވަ މީހަކަށެވެ. އަދި 92 މީހެއްގެ އެސެސްމަންޓް ފުލުހުން ހަދަމުންދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ޕީޖީގެ އޮފީހުން މިދިޔަ މަހުގެ 29 ގައި ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތުވެ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން، ނުވަތަ ވާނުވާގައި ތިބި މީހުންގެ ބަންދަށް ލުއި ދިނުމަށް ހަމަޖެހިފައިނުވާ ކަމަށެވެ.
ޓެގު އެޅުވުމަށްފަހުވެސް ބަންދަށް ލުއި ދޭނީ އެ މީހެއްގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންނަށް ކަމަށާއި އެ ނޫން މީހުންގެ ބަންދަށް އެ ނިޒާމުގެ ތެރެއިން ލުޔެއް ދިނުމަށް ހަމަޖެހިފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
"އެގޮތުން ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަށް އަދި ހަމަޖެހިފައެއް ނުވެއެވެ،" ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައަޅަމުން ގެންދަނީ، އެ މީހުން މޮނިޓާ ކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ފުލުހުން ތައްޔާރުކުރާ އެސެސްމަންޓަށް ރިއާޔަތްކޮށްގެންނެވެ. އެ އެސެސްމަންޓުތައް ލިބެމުން އަންނަ ވަރަކުން، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ޕީޖީގެ އޮފީހުން ބުނެފައިވެއެވެ.
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް