ބޮލިވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާން އޭނާގެ އާ ފިލްމު "ސިތާރޭ ޒަމީން ޕަރް" ވަރަށް ތަފާތު ގޮތަކަށް ނެރެން ނިންމައިފިއެވެ. މި ފިލްމު ނެރެން ހަމަޖެހިފައިވަނީ މިމަހު 20 ވަނަ ދުވަހުއެވެ.

ފިލްމު ނެރުމާ ގުޅޭ މައުލޫމާތު ދިން ފަރާތަކާ ހަވާލާދީ ބޮލީވުޑް ހަބަރުތަކުގައި ބުނެފައިވާ ގޮތުގައި އާމިރު އަދި އޭނާގެ ނެޝަނަލް ޑިސްޓްރިބިއުޓަރު ޕީވީއާރު އިނޮކްސް އިން ވަނީ މި ފިލްމު ޕްލެޓްފޯމް ރިލީޒެއްގެ ގޮތުގައި ނެރެން ނިންމައިފައެވެ. މިގޮތުން ފިލްމު ނެރޭ ދުވަހު ރިއަލްޓައިމްކޮށް ޝޯތައް އިތުރުކުރަމުން ގެންދާނެ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.

އިތުރު މައުލޫމާތު ދެމުން އެ ފަރާތުން ބުނެފައިވަނީ "ސިތާރޭ ޒަމީން ޕަރް" ފުރަތަމަ ދުވަހު އިންޑިއާގެ 1000 އިން 1500 އާ ދެމެދުގެ އަދަދެއްގެ ސްކްރީންތަކުގައި ދައްކާނެ ކަމަށެވެ. މިހާރު ރޭވިފައިވާ ގޮތުން 1250 ސްކްރީންގައި ދައްކާނެ ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.

އާމިރު އަށް މި ފިލްމާ ދޭތެރޭ ވަރަށް އިތުބާރު ބޮޑުކަމަށާއި، އޯޑިއަންސްގެ ޑައިނަމިކްސް ބަދަލުވެފައިވާކަން އޭނާއަށް އެނގޭ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ. އެހެންކަމުން އޭނާ ބޭނުންވަނީ ދިގު މުއްދަތެއްގެ ތެރޭގައި ފިލްމު ކާމިޔާބުވުން ކަމަށް ވެސް އެ ފަރާތުން ބުނެފައިވެއެވެ.

މި ފިލްމު ނެރޭނީ ހަމައެކަނި ސިނަމާތަކުގައި ކަމަށާއި، އޯޓީޓީ ޕްލެޓްފޯމްތަކުގައި ރިލީޒް ނުކުރާނެ ކަމަށް ވެސް އެ ފަރާތުން ބުނެފައިވެއެވެ. އަދި ފިލްމު ރިލީޒްވުމަށްފަހު ވެސް އާމިރު ވަރަށް ބޮޑަށް ޕްރޮމޯޓްކުރާނެ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.