އެޕަލް ސްމާޓް ވޮޗުގައި "ވޯކްއައުޓް ބަޑީ" ގެ ނަމުގައި އާ ފީޗާއެއް ތައާރަފުކުރަން ނިންމައިފިއެވެ. މި ފީޗާ ތައާރަފުކުރަނީ އަންނަ ވޮޗްއޯއެސް 26 ގައެވެ.

މި އާ ފީޗާއަކީ އެޕަލް ވޮޗް ބޭނުންކުރާ މީހުނަށް އަމިއްލަ ފިޓްނެސް ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތްކުރާނެ އޭއައި ސިސްޓަމެކެވެ. މި ސިސްޓަމް ބޭނުންކުރާ މީހާގެ ކުރީގެ ވޯކްއައުޓް ޑޭޓާ ބޭނުންކޮށްގެން ރިއަލްޓައިމްކޮށް އޯޑިއޯ ފީޑްބެކް ދޭނެއެވެ.

އެޕަލްގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ފީޗާގެ އަޑު ފަރުމާކޮށްފައިވަނީ އެޕަލް ފިޓްނެސް+ ގެ ޓްރެއިނަރުންގެ އަޑު ބޭނުންކޮށްގެންނެވެ. އަދި މި ފީޗާގައި އެކި ވޮއިސް ޕްރޮފައިލްތައް ހުންނާނެ ކަމަށާއި، ބޭނުންކުރާ މީހުނަށް އެމީހުން ބޭނުންވާ ސްޓައިލެއް ޚިޔާރުކުރެވޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ވޯކްއައުޓް ބަޑީގެ މައިގަނޑު މަސައްކަތަކީ ރިއަލްޓައިމްކޮށް ބަދަލުވަމުން އަންނަ ގޮތަށް މަސައްކަތްކުރުމެވެ. މިސާލަކަށް ހިތުގެ ވިންދު ބަދަލުވާ ގޮތަށް ނުވަތަ ދުވާ ސްޕީޑު ބަދަލުވާ ގޮތަށް އޭއައި ސިސްޓަމް ރެސްޕޮންޑްކުރާނެ އެވެ. އަދި ދުވެފައިވާ މޭލުތައް ބުނެދިނުމާއި، އާ ޕާސަނަލް ބެސްޓެއް ހާސިލުކުރުމުން އެކަން ފާހަގަކުރުމާއި، މާ ބުރަކޮށް މަސައްކަތްކުރާކަމަށް ފެނިއްޖެނަމަ މަޑުކޮށްލަން އެންގުން ފަދަ ކަންކަން ކުރާނެއެވެ.

މި ފީޗާ ވަނީ ވޮޗްއޯއެސް 26 ގެ އަލުން ފަރުމާކުރެވިފައިވާ ވޯކްއައުޓް އެޕްގައި ހިމަނައިފައެވެ. މި އެޕްގައި މިހާރު އެކި ވޯކްއައުޓް ވިއުތަކަށް އަވަހަށް ވަދެވޭނެ ބަޓަންތަކާއި ކުރީން މެޕްކޮށްފައިވާ ރޫޓުތައް ހިމެނިފައިވާ ކަމަށް އެޕަލްއިން ބުނެފައިވެއެވެ.

ވޯކްއައުޓް ބަޑީގެ ޕްރޮސެސިން ހިންގާނީ އެޕަލް އިންޓެލިޖެންސް މެދުވެރިކޮށް ޑިވައިސްގައި ކަމަށް އެޕަލްއިން ބުނެފައިވެއެވެ. މިގޮތުން އަމިއްލަ ހެލްތު ޑޭޓާ ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ކަމަށްވެސް އެޕަލްއިން ބުނެފައިވެއެވެ.