ކުއްލި ގޮތަކަށް މެލޭޝިއާގައި މިރޭ އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ފަޟީލަތުއްޝައިހް އިބްރާހީމް ފަރީދު އަހުމަދު ހުރިހާ ވަގުތެއް ހޭދަކުރެއްވީ ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޝައިހް ފަރީދު އަވަހާރަވުމާ ގުޅިގެން އެކްސްގައި ރައީސް މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝައިހް ފަރީދު އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ.
"އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ދީނީ އިލްމު ވެރިޔާ މަރްހޫމް ފަޟީލަތުއްޝައިހް އިބްރާހީމް ފަރީދަކީ، ހުލްގު ހެޔޮ، އަޅުވެރިއެކެވެ،" ރައީސްގެ ޕޯސްޓުގައިވެއެވެ.
ރައީސް ވިދާޅުވީ، ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި ޝައިހް ފަރީދު އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށެވެ.
"މަރްޙޫމް ފަޟީލަތުއްޝައިހް އިބްރާހީމް ފަރީދު އިސްލާމް ދީނަށްޓަކައި ކޮށްދެއްވި އިހްސާންތެރި މަސައްކަތްޕުޅުތަކުގެ ދަރުމަ އާއި ސަވާބު، އެންމެ ހެޔޮ ގޮތުގައި މާތްﷲ ދެއްވާށިއެވެ. ސުވަރުގޭގެ ދާއިމީ ނިއުމަތުގައި ލަހައްޓަވާ، އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. އާމީން." ރައީސްގެ ޕޯސްޓުގައިވެއެވެ.
ޝައިހް ފަރީދު އަވަހާރަވީ "ހިދުމަތް ޖަމިއްޔާ"ގެ މަސައްކަތެއްގައި މެލޭޝިއާއަށް ވަޑައިގެންނެވިތާ އިރުކޮޅެއް ފަހުން މިރޭގެ ވަގުތެއްގައެވެ.
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ