މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައޫދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ ދެކަނބަލުންގެ ދަތުރުފުޅުގައި ވަނީ މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމުގައި ބައިވެރިވި ދިވެހި ހައްޖާޖީން ތިބޭ ހޮޓަލަށް ޒިޔާރަތްކުރައްވައި، ވަކިވަކި ހައްޖާޖީންނާ ބައްދަލުކުރައްވައި ހާލުއަހުވާލު އައްސަވައި، އެކި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައި ކަމަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު، ރައީސް ވަނީ ސައުދީގެ ވަލީއަހްދު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދާ ބައްދަލުކުރައްވާފައި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ މެދުގައި އޮތް އުހުވަތްތެރި ގުޅުން ދެ ގައުމަށް ވެސް ފައިދާކުރާނެހެން ބަދަހިކުރެއްވުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ދިވެހި ހައްޖާޖީންނަށް ސައުދީ ސަރުކާރުން ފޯރުކޮށްދިން މެހުމާންދާރީއަށް ޝުކުރު އަދާކުރައްވައިފައެވެ.

ރައީސްގެ ދަތުރުފުޅުގައި ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު ބިން ފައުޒާން އައްރަބީއާ ވެސް ބައްދަލުކުރައްވައިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ދަތުރުފުޅުގައި ރައީސްގެ ދެ ކަނބަލުންގެ އަރިހުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްގެ ދެކަނބަލުންނާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ ދެކަނބަލުންނާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހް މުހައްމަދު ލަތީފްގެ ދެކަނބަލުންނާއި ފޮރިން މިނިސްޓްރީގެ ސްްޓޭޓް މިނިސްޓަރު އަދި ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު ޝަހުދީ ބައިވެރިވެލެއްވިއެވެ.

ރައީސްގެ ދެކަނބަލުންނާއި ރާއްޖޭގެ ވަފުދުގެ ބޭފުޅުން، ސައުދީ ތިއްބެވީ އެ ގައުމުގެ ސަރުކާރުގެ ހާއްސަ މެހުމާނުންގެ ގޮތުގައެވެ.

މި އަހަރުވެސް ރާއްޖެއިން 1،000 މީހުން ހައްޖަށް ގޮސްފައިވެއެވެ.