ތަފާތު ރޫހެއްގައި ފަހަތުން އަރައި މޮޅުވެގެން، ސްޕެއިންގެ ކާލޮސް އަލްކަރާޒް ފްރެންޗް އޯޕަން ފިރިހެން ޗެމްޕިއަންކަން ދިފާއުކޮށްފިއެވެ.
ރޮލެންޑް ގަރޮސް ކްލޭގައި ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި އަލްކަރާޒް ފަހަތުން އަރައި ޔެނިކް ސިނާ ބަލިކުރީ 3-2 ސެޓުންނެވެ. ރޭގެ ފައިނަލަކީ ސިނާގެ އެނބުރި އައުމެއްވެސް މެއެވެ.
މިދިޔަ 18 ވަރަކަށް މަހުވެސް ދުނިޔޭގެ އެއްވަނައިގައި ގޮތުގައި ލީޑް ކުރަމުންދިޔަ ސިނާގެ ޑޯޕިން ބޮޑު މައްސަލަގަނޑެއް ފެންމަތިވެ، މިދިޔަ ތިން މަސް ދުވަހު އޭނާ ހުރީ ސަސްޕެންޝަނުގައެވެ. ސިނާ މިދިޔަ ތިން މަހުން ސަސްޕެންޝަން ފުރިހަމަ ކުރުމާއެކު ގްރޭންޑް ސްލޭމެއް ނުގެއްލި ފްރެންޗް އޯޕަންއަށް ނުކުތީވެސް އެއްވަނައަށް ސީޑު ކޮށްފައި އޮވެގެންނެވެ.
ދުނިޔޭގެ ދެވަނައިގައި އޮތް އަލްކަރާޒް ރޭ ދެ ސެޓު ފަހަތުން އަރައި މެޗު ކާމިޔާބުކުރި އިރު، މިއީ ދެ ސެޓު ގެއްލިފައި އޮވެ ފަހަތުން އެރި ފުރަތަމަ ފަހަރެވެ. ރޭ ކުޅުނު ފައިނަލް ފަސް ގަޑިއިރާ 29 މިނެޓަށް ދެމިގެން ދިޔަ އިރު، އެއީ ފްރެންޗް އޯޕަންއެއްގެ ފައިނަލް އެންމެ ދިގު ވެގެން ދިޔަ ފަހަރެވެ.
ރޭގެ މެޗުގައި އަލްކަރާޒް ވަނީ ތިން ފަހަރަށް ޗެމްޕިއަންޝިޕް ޕޮއިންޓުން ސަލާމަތްވެފައެވެ. ފުރަތަމަ ދެ ސެޓު ސިނާ، 4-6 އަދި 6-7 (4-7) އިން ގެންގޮސްފައިވާ އިރު، ތިންވަނަ ސެޓުގައި ސިނާއަށް ނިންމަން ފުރުސަތު ލިބި ބޭކާރުވެފައެވެ.
ތިންވަނަ ސެޓު އަލްކަރާޒް 6-4 އިން ގެންގޮސް، ދެން އަނެއް ސެޓުތައް ގެންދިޔައީ 7-6 (7-3) އަދި 7-6 (10-2) އިންނެވެ.
އަލްކަރާޒަކީ 2019 ވަނަ އަހަރަށްފަހު މެޗު ޕޮއިންޓަކުން ސަލާމަތްވެ، ގްރޭންޑް ސްލޭމް ތަށްޓެއް ހޯދި ފުރަތަމަ ކުޅުންތެރިޔާއެވެ. މީގެ ކުރިން 2019 ވަނަ އަހަރު ނޯވަކް ޖޮކޮވިޗް ވަނީ ރޯޖާ ފެޑެރާ ކައިރިން މެޗު ޕޮއިންޓުން ސަލާމަތްވެ، ވިމްބަލްޑަން ހޯދައިފައެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް