ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން އަނެއްކާވެސް ފެނިއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، އެ ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާމާބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދައި ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ކޭސް އާގުޅޭ މާގިނަ މައުލޫމާތެއް އެޗްޕީއޭ އަކުން ނުދެ އެވެ.
އިންވެންސިވް މެނިންގޯކޮކަލް ބައްޔަށް، ހަ އަހަރުގެ ތެރޭގައި ރާއްޖެ އިން ޖެހުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކަނީ ތިން މީހެކެވެ. މީގެ ތެރެއިން ދެ މީހަކަށް މިދިޔަ އަހަރު ބަލި ޖެހުނު އިރު، ތިންވަނަ ކޭސް ފެނުނީ މިދިޔަ އަހަރުއެވެ.
މެނިންގޯކޮކަލް އަކީ ނިޝީރިއާ މެނިންޖިޓައިޑިސް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެއް ކަމަށެވެ. އެ ޖަރާސީމުން ދެ ވައްތަރެއްގެ ބައްޔެއް ޖެހެ އެވެ. އެއީ ލޭގެ އިންފެކްޝަނާއި (ސެޕްސިސް) އަދި މެނިންޖައިޓިސް (ސިކުނޑީގެ ވަށައިގެންވާ ފަށަލައިގެ އިންފެކްޝަން) އެވެ. އެއީ ވަރަށް ނުރައްކާތެރި ދެ ބައްޔެވެ. އެކަމަކު، ވެކްސިން ޖަހައިގެން އެ ދެ ބަލިން ރައްކާތެރިކަން ހޯދެ އެވެ.
ނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލި ޖެހިފައިވާ މީހާ އާއެކު ގިނަ ވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.
މުހައްމަދު ސިމާއު
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)