ރައީސް ޑރ. މުހައްމަދު މުއިއްޒު، މި އަހަރުގެ އަޟުހާ އީދުގެ މުނާސަބަތުގައި، އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި ސަރުކާރުތަކާއި އަދި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ ތަހުނިޔާގައި އަޟުހާ އީދުގެ ރޫހުގެ މައްޗަށް އަލިއަޅުއްވާލައްވައި މި އުފާވެރި މުނާސަބަތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންގެ މެދުގައި ޝުކުރުވެރިކަމާއި އެއްބައިވަންތަކަމާއި އޯގާތެރިކަމަށް ހިތްވަރު ލިބިގެންދާނެ ވަގުތެއް ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވި ކަމަށެވެ.

އަދި މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރާ ހުރިހާ ހައްޖުވެރިންނަށް މަބްރޫރް ހައްޖަކަށް އެދިވަޑައިގެން ސަލާމަތާއި ރައްކާތެރިކަން އެދިވަޑައިގެން، އިލާހީ ދަރުމަ ދެއްވުން އެދިވަޑައިގެން ރައީސް ދުއާކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ ތަހުނިޔާ މެސެޖުގައި އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތާއި އިތުރު ފަހި ފުރުސަތުތަކާއި ތަނަވަސްކަމާއި އުފާވެރިކަމާއި ކާމިޔާބީގެ މަތިވެރި ނިއުމަތް، މާތް الله މިންވަރު ކުރެއްވުން އެދިވަޑައިގެން ދުއާކުރެއްވި ކަމަށެވެ.