އައިކޯނިކް އިވެންޓްސް އިން އިންތިޒާމު ކޮށްގެން ބާއްވަން ތައްޔާރުވަމުންދާ ކައިޓްބޯޑިންގެ އެންމެ ބޮޑު އެއް ހަރަކާތް، ރާރާ ޕްރޯ 2025 ރަސްމީކޮށް އިއުލާންކޮށް، ޕޯސްޓަރު ދައްކާލައިފިއެވެ.

ރާރާ ޕްރޯ ރަސްމީކޮށް އިއުލާން ކުރީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭގެ ކުރިން ހަރަކާތުގެ ރަސްމީ ލޯގޯ ވެސް ދައްކާލި އެވެ. ލޯގޯ ރަސްމީކޮށް އިފުތިތާހު ކޮށްދެއްވީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ޝިއުރީ އިބްރާހީމެވެ.

އޭގެ އިތުރުން އެ ރަސްމިއްޔާތުގައި ރާރާ ޕްރޯގެ އެމްބެސެޑަރަކަށް މުހައްމަދު ރާއިފް ޝަނީޒް (ރާއިއްޕެ) ހަމަޖައްސައި އެކަންވެސް ވަނީ އިއުލާންކޮށްފަ އެވެ.

ރާރާ ޕްރޯއަކީ ކައިޓްބޯޑިންގެ ތަފާތު ހަރަކާތެކެވެ. ޖުލައި 10 އިން 12 އަށް ކ. ދިއްފުށީގައި ކުރިއަށް ގެންދަން ރާވާފައިވާ އެ ހަރަކާތުގައި ކައިޓްބޯޑިން މުބާރާތެއް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. އެ ހަރަކާތުގެ ފަނޑިޔާރުކަން ކުރަން ނިންމާފައިވަނީ ރަސްމީ ސެއިލިން ގަވާއިދުތަކަށް ބަލައިގެންނެވެ.

ހަރަކާތް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައިކޯނިކް އިވެންޓްސްގެ ފައުންޑާ ހަސަން ރަޝީދު (ރަޝް) ވިދާޅުވީ ރާރާ ޕްރޯގެ ބޭނުމަކީ އެތުލީޓުންނަށް ކައިޓްސާފިންގެ ތަފާތު ވާދަވެރި ޕްލެޓްފޯމެއް ގާއިމުކުރުން ކަމަށާއި ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށްވެސް އެ ހަރަކާތް އެހީވެދޭނެ ކަމަށެވެ.

އެ ހަރަކާތުގައި ވާހަކަ ދައްކަވަމުން ރޭސް ކޮމިޓީގެ ފަރާތުން މުހައްމަދު އަބްދުލް ރަހްމާން ވިދާޅުވީ ހަރަކާތުގެ ފަނޑިޔާރުކަން ކުރުމުގައި ރާއްޖޭގައި މިހާތަނަށް ބޭއްވި ސެއިލިން އިވެންޓްތަކުގެ ސްޓޭންޑާޑް ހިފަހައްޓާނެ ކަމަށެވެ.

ރާރާ ޕްރޯ ރަސްމީކޮށް އިއުލާނުކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން ---

ރާރާ ޕްރޯގައި ރަޖިސްޓާވުމަށް މިހާރު ހުޅުވާލާފައިވާ އިރު، 14 ޖޫންގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކުން ޑިސްކައުންޓް ލިބޭނެ އެވެ. އަދި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ ޖޫން 22 އެވެ.