ލ. މަހަކަންފުށި ކައިރިއަށް މަސް ހިފަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ލ. ގަން ކައުންސިލުން މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ހޯދަމުންދަނީ ލ. ގަން، ތުނޑީ ފެސްފަރީ، އަބްދުލްސަމަދު މުހައްމަދު (ސަމަދު) ކަމަށެވެ.

ގަން ކައުންސިލްގެ ރައީސް އަހުމަދު ޒަކީ "ވަން" އަށް މިއަދު ވިދާޅުވީ ސަމަދު ދާ ޖަހައިގެން މަސް ހިފަން ގޮސްފައިވަނީ ވަރަށް ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ސަމަދު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެމްއެންޑީއެފަށް އެކަމުގެ ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ މައުލޫމާތު ސާފުކުރުމަށްފަހު ހިއްސާކުރައްވާނެ ކަމަށެވެ.