އަގުހެޔޮ ކުރެވުނު ޓެރިފް ރޭޓުން މިދިޔަ މަހުގެ ބިލު ހެދުމުން ވެސް ބައެއް ކަސްޓަމަރުންނަށް މިދިޔަ މަހުގެ ބިލު، އޭޕްރީލް މަހުގެ ބިލަށްވުރެ ބޮޑުވެފައިވަނީ އޭޕްރީލް މަހު ޑިސްކައުންޓު ލިބިފައިވާތީ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

މިދިޔަ މަހުގެ ކަރަންޓުގެ ބިލުވެސް ސަރުކާރުން ކަނޑައެޅި އާ ޓެރިފް ރޭޓްގައި ދޫކުރާނެ ކަމަށް ސްޓެލްކޯ އިން ބުނެފައިވާ އިރު، ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ މެއި މަހުގެ ބިލު، އޭޕްރީލް މަހުގެ ބިލަށްވުރެ ބޮޑުކަން ފާހަގަކޮށްފައެވެ.

އެކަމާ ގުޅިގެން ސްޓެލްކޯ އިން މިރޭ ބުނީ އާ ޓެރިފް ރޭޓާއެކު ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ ތިން ބިލު (ރަމަޟާން ޑިސްކައުންޓް ހިމަނާފައިވާ ދެ ބިލާއި ކުރު މުއްދަތަކަށް ބިލުކޮށްފައިވާ ބިލު) ގެ ކުރިން އެ ގޭބިސީއަކަށް ބިލުކޮށްފައިވާ ބިލާއި އަޅައި ކިޔުމުން ކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު ނުވަތަ މިއަހަރުގެ ޖެނުއަރީ މަހުގެ ބިލާއި، އާ ޓެރިފް ރޭޓުން ބިލުކުރެވިފައިވާ ބިލު އަޅައި ކިޔުމުން ބިލުގެ ހަގީގީ ފަރަގު ސާފުވާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

"އަގުހެޔޮ ކުރެވުނު ޓެރިފް ރޭޓުން 2025 މެއި މަހުގެ ބިލު ހެދުމުންވެސް ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ބިލު ބޮޑުވެފައިވާ ކަމަށް ފެންނަނީ ވޭތުވެދިޔަ އޭޕްރީލް މަހު ޑިސްކައުންޓް ލިބިފައިވާތީ،" ސްޓެލްކޯ އިން ބުންޏެވެ.

ގޭބިސީތަކުގެ ކަރަންޓަށް ނަގާ އަގުތައް ކުޑަކުރަން ނިންމަވާފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ.