ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި ދަނޑުވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ އާބަން ފާމިންގެ ދެވަނަ މަޝްރޫއު މިއަދު ފަށައި، ދަނޑުވެރި ސްލޮޓްތަކާއި ޕްލާޒާ މިއަދު އިފުތިތާހުކޮށްފި އެވެ.

އެކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އާބަން ފާމިން 2ގެ ޕްލާޒާ ހުޅުއްވައިދެއްވީ އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އެވެ.

އެޗްޑީސީ އާއި ޔޫއެންޑީޕީއާ ގުޅިގެން ޖަޕާންގެ ހިލޭ އެހީގައި މި މަޝްރޫއަކީ ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވާމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމްއެސްއެމްއީސް (ސީޑްސް) މަޝްރޫއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫއުކެވެ.

އެ މަޝްރޫއުގެ އެއްމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި، ދަނޑުވެރިންނަށް ބޭނުންވާ ވަސީލަތްތަކާއި އެކަށީގެންވާ ޓްރެއިނިން ދިނުމުގެ އިތުރުން އެ މީހުން ހައްދާ ބާވަތްތައް ވިއްކައި ދެމެހެއްޓެނިވި ގޮތެއްގެ މަތިން އެކަށީގެންވާ އާމްދަނީއެއް ހޯދޭނެ މަގުފަހިކޮށްދިނުމެވެ.

އެގޮތުން އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެއްސަކަށް ހުޅުވާލައިގެން ދަނޑު ބިންތައް ކުއްޔަށްދީ، ހުޅުމާލޭގައި ދަނޑުވެރިން އިތުރުކުރުމަށް ހިންގޭ ދެވަނަ މަޝްރޫގެ ދަށުން ވަނީ 84 ދަނޑުވެރިން ތަމްރީނުކޮށް އެ މީހުންނަށް ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.

އެޗްޑީސީން ބުނީ، މިއަދު އިފުތިތާހު ކުރި އާބަން ފާމިންގެ ދެވަނަ މަޝްރޫއުގެ ދަށުން ދަނޑު ހެއްދުމަށް 28 ސްލޮޓެއް ދޫކޮށްފައިވާ ކަމަށެވެ. އެ ސްލޮޓްތައް ކައިރީގައި ދަނޑުވެރިން ހައްދާ ބާވަތްތައް ފަސޭހައިން ވިއްކޭނެ ގޮތަށް 28 ޕޮޕް އަޕް މާކެޓް ސްޓޯލްވެސް ވަނީ ގާއިމުކޮށްފަ އެވެ.