ސަންފްރޮންޓް ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 20،824،556.00 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން، ދައުލަތުގެ މައްޗަށް ހުކުމްކޮށްފިއެވެ.

މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން ބިން ވިއްކުމަށް ސަރުކާރުގެ ފަރާތުން 01 އޮގަސްޓް 2010 ގައި ކުރި އިއުލާނާ ގުޅިގެން، އެ ސަރަހައްދުން ވިއްކުމަށް ކަނޑައެޅި 11 ބިމުގެ ތެރެއިން 2،000 އަކަފޫޓުގެ ދެ ބިމަށް ބީލަމުގެ އުސޫލުން ސަންފްރޮންޓުން އަގު ހުށަހެޅުމުން، އެ ބިން ސަންފްރޮންޓަށް ވިއްކުމަށް ނިންމުމުން އެ ކުންފުނިން ވަނީ ދެ ބިމަށް 26،989،8800 ރުފިޔާ ދައްކައިފައެވެ.

ނަމަވެސް އެ ދެ ބިން ސަންފްރޮންޓަށް ލިބިފައިނުވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 29 ނޮވެމްބަރު 2012 ވަނަ ދުވަހުން ފެށިގެން 25 މޭ 2014 ވަނަ ދުވަހުގެ ނިޔަކަށް ލިބެންޖެހޭ 26،824،556 ރުފިޔާ ހޯދުމަށް އެދި ސިވިލް ކޯޓުގައި 02 ފެބްރުއަރީ 2021 ވަނަ ދުވަހު ދައުވާކޮށްފައެވެ.

މައްސަލައިގެ ޝަރީއަތުގައި ސަންފްރޮންޓުން ބުނެފައިވަނީ ގެއްލުމުގެ ބަދަލު ހޯދުމަށް 28 މޭ 2013 ގައިވެސް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ. އެފަހަރު މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ހުކުމްކުރީ ގެއްލުމުގެ ބަދަލު ސަންފްރޮންޓަށް ހައްގުވާ ކަމަށާއި އެހެންވެ 20،824،556 ރުފިޔާ އެ ކުންފުންޏަށް ދެއްކުމަށް ކަމަށެވެ.

ނަމަވެސް ދައުލަތުން އެ ފައިސާ ދީފައިނުވާތީ ސަންފްރޮންޓުން ވަނީ އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ލިބިގަތުމަށް އެދި ސިވިލް ކޯޓަށް އެހެން މައްސަލައެއް ހުށަހަޅައިފައެވެ.

އެ ދައުވާއާ ގުޅިގެން ދައުލަތުން ވިދާޅުވީ ސަންފްރޮންޓަށް ގެއްލުމުގެ ބަދަލު ލިބެންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް ސަންފްރޮންޓުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ އަދަދަށް އިންކާރު ކުރާ ކަމަށާއި ސަބަބަކީީ އެ އަދަދުގެ ގެއްލުމެއް ލިބުނުކަން ސާބިތުކޮށްދިނުމުގެ ގޮތުން ސަންފްރޮންޓުން އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވުން ކަމަށް ދައުލަތުން ވިދާޅުވިއެވެ. އަދި އެ ފައިސާ ނުލިބުމުގެ ސަބަބުން ސަންފްރޮންޓަށް ލިބުނު ގެއްލުމެއް އެ ކުންފުނިން ސާފުކޮށްދީފައިނުވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ދެ ފަރާތުން ދެއްކި ވާހަކަ އެޑުއެހުމަށްފަހު މި މައްސަލަ ބެއްލެވި ގާޒީ އަލީ އަބްދުﷲ މައްސަލައިގެ ހުކުމުގެ ރައުޔުގައި ވިދާޅުވީ ސަންފްރޮންޓަށް ދޭންޖެހޭ ފައިސާ ހުރީ ދައުލަތުގައި ކަމަށާއި ސަންފްރޮންޓަކީ ވިޔަފާރި ކުރާ ކުންފުންޏަކަށްވުމުން، އެ ފައިސާ އަތުގައި ނެތި ބޭނުން ނުކުރެވުމުގެ ސަބަބުން އެ ކުންފުންޏަށް ގެއްލުން ލިބޭނެކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށެވެ. ބިން ގަންނަން ސަންފްރޮންޓުން ދެއްކި ފައިސާ އަނބުރާ އެ ކުންފުންޏަށް ލިބެން ޖެހޭނެ ކަމަށާއި އެ ކުންފުނިން ހޯދުމަށް އެދިފައިވާ ބަދަލަކީ ބިން ލިބުމުގެ ހައްގުން މަހުރޫމްވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއް ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ ސަންފްރޮންޓަށް ގެއްލުމުގެ ބަދަލު ލިބެންޖެހޭ ކަމަށް ދައުލަތުންވެސް ގަބޫލުކުރާ ކަމަށެވެ. ސަންފްރޮންޓުގެ ފަރާތުން ނަގައިދިނުމަށް އެދިފައިވާ ބަދަލުގެ އަގަށްވާ ގެއްލުން ސާބިތުކުރަން އެ ކުންފުނިން ލިޔުމެއް ހުށަހަޅާފައިނެތް ކަމަށް ދައުލަތުން ވިދާޅުވިޔަސް އެ ކުންފުނިން ވަނީ އޮޑިޓް ފާމެއް ކަމަށްވާ "އާންސްޓް އެންޑް ޔަންގް" އިން ތައްޔާރުކޮށްފައިވާ އޮޑިޓް އެ ގެއްލުމުގެ އަދަދުގެ ތަފުސީލުކޮށްދީފައިވާ ކަމަށެވެ. އެހެންވެ ދައުލަތުން ދައްކާ ވާހަކައިގެ އަސާސެއްނެތް ކަމަށް ގާޒީ ވިދާޅުވިއެވެ.

އެކަންތައް ފާހަގަކޮށް ގާޒީ ހުކުމްކުރެއްވީ ދައުލަތުގެ ފަރާތުން އެއް މަސް ދުވަހުގެ ތެރޭގައި 20،824،556 ރުފިޔާ ދައްކާ ހަލާސް ކުރުމަށެވެ.