ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ޙައްޖަށް ދާއިރު ބޭނުންވާ މެޑިކަލް ކަންކަން ހިލޭ ފުރިހަމަ ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހި ހައްޖާޖީން މައްކާގައި ތިބޭ ހޮޓަލަށް ވަޑައިގެން ހައްޖުވެރިންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިން ހައްޖަށް ގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް މިއަދުން ފެށިގެން ހިލޭ ލިބޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެކްސިން ވެސް ރަށުގައި ތިބެގެން ހިލޭ ޖެހޭނެ ގޮތް ފަހިކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވަނީ ދިވެހީން ހައްޖަށް ފުރީއްސުރެ އެނބުރި ރާއްޖެ ދެވެންދެން ހުރިހާ ކަމެއް ވީހާވެސް ފުރިހަމައަށް ކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަންވެސް މިއަދުގެ ބައްދަލުވުމުގައި ދެއްވައިފަ އެވެ.
އެގޮތުން ހައްޖުވެރިންނާ ވަރަށް ގާތުން އިސްލާމިކް މިނިސްޓްރީ އަދި ހައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.
ބައްދަލުވުމުގައި މި އަހަރުގެ ޖައްޖުވެރިންގެ ހުރިހާ ކަމެއްވެސް ފުރިހަމައަށް އިންތިޒާމު ކުރުމަށް ސައުދީ ސަރުކާރުން ކޮށްދެއްވާފައިވާ ކަންކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.
އެގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ދިވެހި ހައްޖާޖީންނަށް ވަރަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމާއި ދިވެހި ހައްޖުވެރިން މިނާގައި ތިބުންވެސް 'އަޕްގްރޭޑް' ކޮށް ހިދުމަތާއި އިންތިޒާމުތައް ކުރިއަށްވުރެ މަތިކޮށްފައިވާކަން އަދި ދިވެހިންނަށް ހާއްސަ ކްލިނިކެއްވެސް ގާއިމުކޮށް ދެއްވާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް އިތުރަށް ވަނީ، ސައޫދީ ސަރުކާރުން ދިވެހިންނާމެދު ދެކެނީ ވަރަށް ގާތްކޮށް، ވަރަށް އުހުއްވަތްތެރިކޮށް، އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައިކަން ފާހަގަކުރައްވައި، އެކަމަކީ ދިވެހިން އުފާކުރަންވާނެ ކަމެއްކަމުގައި ވިދާޅުވެފައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މިއަދުގެ ބައްދަލުވުމަށްފަހު ރައީސްގެ ދެކަނބަލުން ވަކިވަކި ހައްޖާޖީންނާ ބައްދަލު ކުރައްވައި އެކި ކަންކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވި ކަމަށެވެ.
މުހައްމަދު ސިމާއު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު