ޔޫރަޕްގެ އެންމެ ބޮޑު އަލިފާން ފަރުބަދަ ގޮވައިފިއެވެ.

އިޓަލީގައި ހުންނަ ޔޫރަޕްގެ އެންމެ ބޮޑު އަލިފާން ފަރުބަދަ ''މައުންޓް އެޓްނާ'' ގޮވާފައިވާއިރު އެ އަލިފާން ފަރުބަދައިން ދިޔާ އަލިފާނާއި އަޅީގެ އިތުރުން ބޮޑު ސަރަހައްދަކަށް ދުން ފެތުރިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އިޓަލީގެ ސިސިލީގައި ހުންނަ މި ފަރުބަދަ ގޮވިއިރު ބާރުގަދަ އަޑުފައްގަނޑެއް އިވިފައިވާކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

އަލިފާން ފަރުބަދަ ގޮވާފައިވާ މިންވަރު އަދި ހޯދިފައި ނުވާއިރު އެ ސަރަހައްދު ވަނީ ބަންދުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފައެވެ.

އިޓަލީގެ ޖިއޮލޮޖިސްޓުންގެ ޓީމަކުން އެ އަލިފާން ފަރުބަދައިގެ ހާލަތު ބަލަމުން އަންނަ އިރު އޮފިޝަލުން ވަނީ ނުރައްކާތެރި ހާލަތަކަށް ތައްޔާރުވެފައިވާކަމަށް ބުނެފައެވެ.

ސިސިލީއާއި ސިސިލީއާ އަވައްޓެރި ސަރަހައްދުތަކަށް ރަތް ސަމާލު ނެރެފައިވާއިރު އެ ސަރަހައްދުތަކުން ދަތުރުކުރާ ފްލައިޓުތައްވެސް ސަސްޕެންޑު ކޮށްފައިވާކަަމަށް ރިޕޯޓުތަކުން ބުނެއެވެ.