ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން، ޖޭކޮބް އެންޑް ކޯއާ ގުޅިގެން "ދަ ވޯލްޑް އިޒް ޔޯސް ޑުއަލް ޓައިމް ޒޯން: ސަލްމާން ޚާން އެޑިޝަން" ގެ ނަމުގައި ލަގްޒަރީ ގަޑިއެއް ނެރެފިއެވެ. މި ގަޑިއަކީ އިންޑިއާގެ ތަރިކައާއި މޮޑަން ލަގްޒަރީގެ ހާއްސަ މިސްރާބެއް ހިމެނޭ ގަޑިއެކެވެ.

މި ލިމިޓެޑް އެޑިޝަން ގަޑިއަކީ ސަލްމާން އަދި އޭނާގެ ބައްޕަ، ތަޖުރިބާކާރު ސްކްރީންރައިޓަރ ސަލީމް ޚާންއަށް ކުރާ އިހްތިރާމެއްގެ ގޮތުގައި ނެރެފައިވާ ގަޑިއެކެވެ. މި ގަޑީގެ ޑިޒައިން އިންސްޕަޔަރ ވެފައި ވަނީ ޖޭކޮބް އެންޑް ކޯގެ ބާނީ ޖޭކޮބް އަރާބޯއަށް އޭނާގެ ބައްޕަ ދެއްވި ގަދީމީ ގަޑިއަކުން ކަމަށް ހަބަރުތައް ބުނެއެވެ.

މި ގަޑި ވިއްކަން ފަށާފައިވާކަން އަންގައިދޭ ޕޯސްޓެއް ސަލްމާން ޚާން ވަނީ 31 މެއި ގައި އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ.

އޭނާ ލިޔެފައިވަނީ "ޖޭކޮބް އެންޑް ކޯ އެކްސް ސަލްމާން ޚާން ގަޑި މިހާރު އެތޯސް ވޮޗަސްގައި ލިބެން ހުރިކަން އުފަލާއެކު ހިއްސާކުރަން. މިއީ އަހަރެން ބޮޑުކުރި، އަހަރެންގެ ބައްޕައަށް ކުރާ އިހްތިރާމެއް. ޝުކުރިއްޔާ ޖޭކޮބް އަރާބޯ." މިފަދައިންނެވެ.

https://www.instagram.com/reel/DKTtYx1oaOV/?igsh=MW91anYzbnBpZmJqYQ==

ޖޭކޮބް އެންޑް ކޯއިން ބުނެފައިވާ ގޮތުގައި މި ގަޑީގެ ޑިޒައިން އިންސްޕަޔަރ ވެފައިވަނީ އިންޑިއާގެ މުއްސަނދި ތަރިކައިންނެވެ. ގަޑީގައި ހުންނަ ރަތް އަދި ފެހި ކުލަތަކަކީ އިންޑިއާގެ ދިދައިގެ ކުލަތަކުން އިންސްޕަޔަރ ވެފައިވާ ކުލަތަކެވެ. އަދި ގަޑީގެ ފަހަތުގައި ލޭޒަރުން ކަނޑާފައިވާ ދުނިޔޭގެ ޗާޓާއި "ސަލްމާން ޚާން" މި ނަން ލިޔެފައި ހުރުމުން ސަލްމާންގެ ދުނިޔެވީ ނުފޫޒު ދައްކުވައިދެއެވެ.

މި ގަޑި އެތޯސް ވޮޗަސްގައި ވިއްކަމުންދަނީ 3,660,000 އިންޑިއަން ރުޕީސްއަށެވެ. ގަޑީގެ ޑިޒައިން އިންސްޕަޔަރ ވެފައިވަނީ ދުނިޔެ އަދި އޭގެ ސިފައިންނެވެ. ގަޑީގެ ޑަޔަލްގައި ވަނީ ނޫ ކުލައިގެ ޓައިޓޭނިއަމް ބޭނުންކޮށްފައެވެ. އަދި ދެ ޓައިމް ޒޯނެއް ދައްކައެވެ.