"ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް" ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަރުކާރު ކުންފުންޏެއް އުފައްދަވައިފިއެވެ.

މިއީ "ކުންފުނީގެ ގާނޫނު" ގެ 15 ވަނަ މާއްދާގެ ދަށުން، ރައީސް އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުނި އުފައްދަވާފައިވަނީ މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ސަރުކާރުގެ އިގުތިސޯދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ޑިޖިޓަލް ފައިނޭންޝަލް ސާވިސަސް އާއި ޑިޖިޓަލް ރިއަލް އެސްޓޭޓާއި ފައިނޭންޝަލް ޓޫރިޒަމާއި ބޭންކިންގެ ހިދުމަތްތައް ހިމެނޭ ގޮތަށް، މާލީ ހިދުމަތްތަކުގެ ސިނާއަތު ރާއްޖޭގައި ކުރިއަރުވައި، ބައިނަލްއަގުވާމީ މާލީ ހިދުމަތްތަކުގެ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުން ކަމަށެވެ.

"ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް" ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ، 10 ރުފިޔާގެ 10،000،000 ހިއްސާގެ މައްޗަށް ބަހައިލެވިފައިވާ 100،000،000 ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ހައްގު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، ގާނޫނީގޮތުން އަމިއްލަ ޝަހުޝެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.