ލޯންޗަކާއި ޓަގު ބޯޓެއް ޖެހި އެކްސިޑެންޓެއް ހިނގައި، މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 3:30 ހާއިރު މާލެއިން އދ. އަތޮޅަށް ދަތުރުކުރި ލޯންޗަކާއި އެމްޕީއެލްގެ ޖެޓީއަށް ވަންނަން ދިޔަ ޓަގެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.

އެ ހާދިސާގައި ލޯންޗުގެ ކެޕްޓަނަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށާއި އިތުރު މީހަކަށް އަނިޔާ ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ނަމަވެސް ކެޕްޓަނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުދެ އެވެ. އަދި އެ ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފުލުހުން އާންމުކޮށްފައިވާ އެ އެކްސިޑެންޓުގެ ފޮޓޯތަކުން އެނގޭ ގޮތުގައި އެކްސިޑެންޓުވި ލޯންޗަށް ކިޔަނީ "މައި އެކްސްޕްރެސް 2" އެވެ. އެ ލޯންޗުގެ ކެޕްޓަން އިންނަ ކަނާތް ފަޅިން ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި ހުރި އިރު، ލޯންޗުގެ ބިއްލޫރިތައް ވެސް ވަނީ ތަޅައިގެން ގޮސްފަ އެވެ.