ކުންފުނިތަކުގެ ނާގާބިލުކަމުގެ ދަތި އުނދަގޫ ރައްޔިތުން އުފުލަން ޖެހިގެން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ކަރަންޓުގެ އަގު ކުޑަކުރުމަށް ނިންމި ނިންމުމުގައި 100 ޔުނިޓަށްވުރެ ދަށް ބޭންޑު ނުވަތަ އެންމެ ކުޑަ ބޭންޑުގެ އަގު އެއް ރުފިޔާ 50 ލާރީގެ ބަދަލުގައި އެއް ރުފިޔާ 25 ލާރިއަށް ކުޑަކުރަން ނިންމި އިރު، ފެނަކައިގެ ކަސްޓަމަރުންގެ ތެރެއިން 19.3 ޕަސެންޓަކީ އެ ބޭންޑުގެ ކަސްޓަމަރުން ކަމަށެވެ.

އަދި 100 ބޭންޑުން 400 ބޭންޑުގެ އަގު އެއް ރުފިޔާ 50 ލާރިއަށް ކުޑަ ކުރި އިރު، އެއީ ރާއްޖޭގެ އާންމު ރައްޔިތުންގެ އެންމެ ގިނަ ބަޔަކު ހިމެނޭ ބޭންޑު ކަމަށް ވިދާޅުވި އެވެ.

"މިކަން އަޅުގަނޑު މިކުރީ ވަރަށް ސިމްޕަލްކޮށް. އަޅުގަނޑު ބޭނުމެއް ނޫން ކުންފުނިތަކުގެ އިންއެފިޝެންސީ ނޫނިއްޔާ ސަރުކާރުން އެނާޖީ ޕޮލިސީ މެނޭޖުކުރުމުގައި ހުރި މައްސަލަތަކެއްގެ ބާޑަން ރައްޔިތުން ނަގާކަށެއް. ސަރުކާރުގެ ބޭނުމަކީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުން. އެހެންވީމާ އަޅުގަނޑު މި ނިންމީ ރައްޔިތުންގެ އާމްދަނީ ހުރި މިންވަރުން، އަތްފޯރާފަށުން، ލުއިފަސޭހަކޮށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން. ދެން އެކަން މެނޭޖުކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ކުރާނެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ކަރަންޓުގެ ހިދުމަތް ދޭ ސަރުކާރުގެ މައިގަނޑު ދެ ކުންފުނި، ސްޓެލްކޯ އާއި ފެނަކައިގެ ގާބިލުކަން ރަނގަޅު ކުރަންޖެހޭ ކަމަށެވެ.

އެއާއެކު އިޔާދަކުރަނިވި ހަކަތައަށް ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކުރަން ޖެހޭ ކަމަށާއި 2028 އަށްދާއިރު 30 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައިން ހޯދާ ކަރަންޓަށް ހެދުމަކީ އެ މަނިކުފާނު އިއުލާން ކުރައްވާފައިވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

"މި ކަންކަމުގެ ތެރެއިން (ކަރަންޓުގެ އަގު ކުޑަކުރަން ނިންމި ނިންމުން) ހަމަޖައްސާނަން. މިކަން ކުރާނެ ގޮތް މިއޮތީ ވަށައިޖެހޭ ގޮތަށް ރޭވިފައި. އެހެންވީމަ ދެމެހެއްޓެނިވި ގޮތުގައި މި ނިންމި ރޭޓުތައް މި ނިންމި އަގުތަކަށް ތަންފީޒު ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނަން. ރައްޔިތުންނަށް މި ބާޑަން މިދިޔަ ދުވަސްތަކުގައި ޕާސްކޮށްގެން މިދިޔަ ސަރުކާރުތަކުން ކުރި ކަންކަމަކީ އަޅުގަނޑުގެ ސިޔާސަތެއް ނޫން،" ރައީސް ވިދާޅުވި އެވެ.