ފުވައްމުލަކު ސިޓީގައި ބާއްވާ، އެ ސިޓީގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް، ވަގުތު ބޮޑުބެ ޗެލެންޖް 2025 ގެ ސެމީ ފައިނަލް މެޗުތަކަށް ތައްޔާރުވެއްޖެއެވެ.

ޖުމުލަ 10 ޓީމާއެކު ކުރިއަށްދާ ބޮޑުބެ ޗެލެންޖްގެ ގްރޫޕް ސްޓޭޖު ކުޅުން ނިމި، އިއްޔެއާއި ރޭ ކުރިއަށް ގޮސްފައި ވަނީ ކުއާޓާ ފައިނަލްގެ މެޗުތަކެވެ.

ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ގްރޫޕް އޭގެ އެއްވަނަ ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ގްރޫޕް ބީގެ ހަތަރުވަނަ ޓީމު، ދޫނޑިގަލޯނާ ޖޫނިއާ ވާދަކުރި އިރު، 9-1 އިން އެމެޗު ކާމިޔާބުކުރީ ދަނޑުމަގެވެ.

މެޗުގައި ދަޑިމަގުގެ މުހައްމަދު ސާދު ނިޒާރާއި ސާމިން މުހައްމަދު ނަސީރު އަހުމަދު ހަމީދު (އަންމަޑޭ) އަދި އިބްރާހީމް އަރީޝް، މީގެން ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިދިން އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ އަޒްޔާން އިބްރާހީމެވެ.

ދޫނޑިގަލޯނާ ޖޫނިއާގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު އާން އަކުރިމްއެވެ.

ކުއާޓާ ފައިނަލް ދެވަނަ މެޗުގައި ގްރޫޕް ބީގެ ދެވަނަ ޓީމު، އައްޔަނި އެސްސީން ގްރޫޕް އޭގެ ތިންވަނަ ޓީމު، ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ޔުނައިޓެޑް ބަލިކުރީ 7-0 އިންނެވެ.

މެޗުގެ ފުރަތަމަ 10 މިނެޓު ތެރޭގައި ހުޒައިފަތު ރަޝީދު (ހުޒޭ) އާއި އަލީ ޝަމާލް އަބްދުﷲ އަދި އަޔާޒް އަހުމަދު (އަޔާ) ޖެހި ގޯލުތަކުން އައްޔަނި އެސްސީ ރަނގަޅަށް ފެށި އިރު، ހުޒޭ ވަނީ ދެ ގޯލު ޖަހައިފައެވެ.

އޭގެފަހުންވެސް އަޔާއާއި އަޖްމަލް އަހުމަދު އަދި ޝަމާލްގެ ގޯލުތައް ފެނިގެން ގޮސްފައިވާ އިރު، އެޓީމުން ސެމީގައި ނުކުންނާނީ ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށެވެ.

ބޮޑުބެ ޗެލެންޖްގެ ކުއާޓާގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން ---

ކުއާޓާ ފައިނަލް ތިންވަނަ މެޗުގައި ގްރޫޕް ބީގެ އެއްވަނަ ހޯދަޑު ސްޕޯޓްސް ކްލަބު ވަނީ ގްރޫޕް އޭގެ ހަތަރުވަނަ ޓީމު، ދޫނޑިގަލޯނާ އެސްސީ ކައިރިން 5-0 ގެ މޮޅެއް ހޯދާފައެވެ. އެ މެޗުގައި ހޯދަޑުގެ މުހައްމަދު އިޔާޝް އަހުމަދު، އާރިފް އަހުމަދު އަދި އިބްރާހީމް ސިނާހް (ސިނާ)ގެ އިތުރުން އަލީ މުއާޒްވެސް ގޯލު ޖެހި އިރު، ދޫނޑިގަލޯނާގެ ހަސަން ފިރާގު އަތުން ބައިކޮޅަށްވެސް ގޯލެއް ވަނެވެ.

މެޗުގެ ފަހު މިނެޓު ކޮޅުގައި ދޫނޑިގަލޯނާގެ އަހުމަދު އައިހަމް ސައީދަށް ރަތް ކާޑުވެސް ދައްކާފައިވެއެވެ،

ހޯދަޑުން ސެމީގައި ނުކުންނާނީ ކުއާޓާ ފަހު މެޗު ކާމިޔާބުކުރި، ގްރޫޕް އޭގެ ދެވަނަ ޓީމު، ޔުނައިޓެޑް ދިގުވާންޑޯއާ ދެކޮޅަށެވެ. އެޓީމުން ކުއާޓާގައި ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ޖޫނިއާ ބަލިކުރީ 3-0 އިންނެވެ.

ދިގުވާންޑޯގެ ގޯލުތައް ޖެހީ އަލީ ޝިޔާހް (ޝިޔާ) ގެ އިތުރުން މޫސާ އަޒީމް ހަސަން އަދި އިނާން އަހުމަދެވެ.

މުބާރާތުގެ ސެމީ ދެމެޗުވެސް އޮންނާނީ މިރޭއެވެ.

ބޮޑުބެ ޗެލެންޖުގެ ޗެމްޕިއަން ޓީމަށް ބައި ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވާ އިރު، ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. އެ މުބާރާތަކީ މިހާތަނަށް ފުވައްމުލަކު ސިޓީގައި ބާއްވާ އެންމެ ބޮޑު، އަދި އެންމެ އަގުހުރިވެސް ފުޓްސަލް މުބާރާތެވެ.