ދިވެހި ވަތަނީ ހިދުމަތަކީ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި މުޅިން އަލަށް ފަށާ ކަމަކަށް ވާތީ، ވިސްނުންތެރިކަމާއެކު މަސައްކަތް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފިއެވެ.

ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށީގައި ދިވެހި ވަތަނީ ހިދުމަތުގެ މުދައްރިބުންނާ މިއަދު ބައްދަލު ކުރައްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހި ވަތަނީ ހިދުމަތުގައި ބައިވެރިވާ ޒުވާނުންނަކީ އިސްލާމް ދީނަށް ލޯބިކުރާ، ދީނީ ކަންކަމަށް ފަރުވާތެރި އަދި ގައުމިއްޔަތުގެ ވިސްނުން ހުރި، ރީތި އަހުލާގާއި ސުލޫކުގެ ވެރި ބައެއްގެ ގޮތުގައި ތަމްރީނުކޮށް ދިނުމަށް އެދޭ ކަމަށެވެ.

ވަތަނީ ހިދުމަތުގައި އެއްވެސް އިޝްތިހާރަކާ ނުލައި މިހާތަނަށް 900 އާ ގާތްކުރާ އަދަދަކަށް ޒުވާނުން ކުރިމަތިލާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަމުން ސާފުވަނީ، އެ ފަދަ ޕްރޮގްރާމަކަށް ބެލެނިވެރިން ބޭނުންވެފައިވާ މިންވަރާއި ޒުވާނުންގެ މެދުގައި ޕްރޮގްރާމަށް އޮތް ތާއީދު ކަމަށެވެ.

ރައީސް ވަނީ، ދިވެހި ވަތަނީ ހިދުމަތަކީ ދިވެހީން ބަލައިގަންނަ އަދި ބެލެނިވެރިންގެ އުންމީދުތައް ހާސިލްވާނޭ ފަދަ ނަމޫނާ ހަރަކާތެއްގެ ގޮތުގައި ތަރައްގީ ކުރެވިގެން ދިއުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވަނީ އެ ޕްރޮގްރާމްއާ ގުޅޭ މަސައްކަތްތައް ތަންފީޒުކުރާ އިދާރާއަކީ ޑިފެންސް މިނިސްޓްރީ ކަމަށް މިއަދު ކަނޑައަޅުއްވައިފައެވެ.

ދިވެހި ވަތަނީ ހިދުމަތުގެ މަގުސަދަކީ ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ގައުމުގައި ބިނާކުރުމާއި ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްގީކުރުމާއި ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާ އެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަހުލާގާއި ސުލޫކު ރަނގަޅު، އިހުތިރާމު ކުރާ، އަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ބައްޓަން ކުރުމެވެ.