އަންނަ މަހުން ފެށިގެން އާސަންދައިން ނަންބަރު އައިނަށް 2،000 ރުފިޔާ ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބާގައި މިރޭ ބޭއްވި ރަަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އެ މަނިކުފާނު އެންމެ އިސްކަންދެއްވާ އެއްދާއިރާއަކީ ސިއްހީ ދާއިރާ ކަމަށާއި ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވުމަކީ ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ، ސިއްހީ ދާއިރާގެ ކުރިއެރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިވާ ކަމަށެވެ. އެގޮތުން ދުންފަތުން ޑިއުޓީ ބޮޑުކުރުން ފަދަ ކަންކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އާސަންދައިގެ އިސްރާފު ކުޑަކުރުމަށް ވެސް ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްކޮޅެއްގެ ތެރޭގައި އެސެންޝިއަލް މެޑިކަލް ލިސްޓާއި އަދި އެޕްރޫވް ޑްރަގް ލިސްޓުގައިވާ ހުރި ހުރިހާ ބޭހެއް ހުރިހާ ފާމަސީއެއްގައި ޔަގީންވެގެންދާނެ ކަމަށާއި ސްޓޮކް ހުސްނުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، އާސަންދައިގެ އިސްރާފު ކުޑަވުމުން ސަލާމަތްވާ ފައިސާ އެހެން ކަންކަމަށް ހަރަދުކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން އެއްކަމެއްގެ ގޮތުގައި ނަންބަރު އައިނަށް އާސަންދައިން ލިބޭ ވަރު ޑަބަލްކޮށްދިނުން ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ރިޔާސީ އިންތިހާބުގައި އަޅުގަނޑުވީ ވައުދެއް ދެ އަހަރުން އެއެއް އަހަރު ދެނީ އައިނު ހައްދަން 1000ރ. މި ބޮޑުކޮށްދޭނަމޭ ޑަބަލްކޮށްދޭނަމޭ. އެކަމަށްޓަކައި ހަދަން ޖެހޭ ހުރިހާ ހިސާބެއް ހަދައި ނިންމައި އަޅުގަނޑު ވާނީ މިއަދު ކަމާ ބެހޭ ފަރާތްތަކަށް ސިޓީ ފޮނުވާފައި، ޖޫން އެކަކުން ފެށިގެން އައިނު ހައްދަން ދޭ 1000ރ، 2000ރ އަށް ބޮޑުކުރެވިގެންދާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގައި ރައްޔިތުންގެ ދިރިއުޅުމުގެ އާދަކާދަތައް ހުންނަ ގޮތުން ޖެހޭ ބަލިތައް ގިނަ ކަމަށާއި އުންމީދަކީ އެ ފަދަ ބަލިތައް މަދުކޮށް ނައްތަލައިލުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް