ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 55 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި އަހަރީ ޖަލްސާގައި އެގޮތަށް ފާސްކުރީ ޖަލްސާގައި ބައިވެރިވި 481 ހިއްސާދާރުންގެ ވޯޓުންނެވެ.

ބީއެމްއެލުން ހިއްސާއަކަށް 55 ރުފިޔާ ބަހަން ފާސްކުރިއިރު މިއީ މިދިޔަ އަހަރު ބެހި އަދަދަށް ވުރެ ފަސް ރުފިޔާ އިތުރު އަދަދެކެވެ.

ބީއެމްއެލަށް މިދިޔަ އަހަރު 2.25 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއި އެ ކުންފުނިން ހިއްސާއަކަށް 55 ރުފިޔާގެ މަގުން، ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި 296 މިލިއަން ރުފިޔާ މި އަހަރު ބަހާނެ އެވެ.

ބީއެމްއެލްގެ މި އަހަރުގެ އޮޑިޓަރަކަށް ކަނޑައެޅީ އާނަސްޓް އެންޑް ޔަންގް އެވެ. އެ ކުންފުނިން ހުށަހަޅާފައިވާ އަގަކީ 1.7 މިލިއަން ރުފިޔާ އެވެ.