ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ފައިގައި އިލެކްޓްރޯނިކް ޓެގް އެޅުވުމަށް ފަހު ދޫކޮށްލުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ފެށުނު މަސައްކަތުގެ ތެރެއިން ވާނުވާ މައްސަލައަށް ހައްލުތަކެއް ލިބި ޝަރުތު ފުރިހަމަވާ މީހުންގެ ބަންދަށް ލުއިތަކެއް ދެވޭނެ ކަމަށެވެ.
"ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދު ވަނީ ފަށާފައި،" ރައީސް ވިދާޅުވިއެވެ.
ޕީޖީ އޮފީހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ދަށުން ކުށްވެރިން މުޖުތަމައަށް ދޫކޮށްލުމުގެ ކުރިން ފުލުހުންނާއި ކަރެކްޝަންސް އިން އެސެސްމަންޓެއް ހަދާނެއެވެ.
"މި އެސެސްމަންޓުގައި، ބަންދަށް ލުއި ދެވޭ މީހުން މޮނީޓާ ކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާން ކުރާނެ އެވެ. މި އެސެސްމަންޓަކީ މި އޮފީހުގެ އެންގުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ތައްޔާރު ކުރާނެ އެސެސްމަންޓެކެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ، އެ އެސެސްމަންޓުގެ ރިޕޯޓު ލިބުމުން ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ބަންދަށް ލުއި ދެވިދާނެ ކަމަށް ފެންނަ ނަމަ ކޯޓަށް ހުށަހަޅައިގެން އެކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަނޑައަޅާ ޝަރުތުތަކުގެ މަތީން ބަންދަށް ލުއި ދޭނީ ގިނަ ވެގެން 100 ދުވަހަށް ކަމަށާއި ކޮންމެ 100 ދުވަހަކުން އެއްފަހަރު ކޯޓަށް ހުށަހަޅައިގެން ބަންދު މުރާޖައާ ކުރާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނީ، ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ ހިލާފުވެއްޖެ ނަމަ ވަގުތުން އެ މީހަކު އަލުން ބަންދު ކުރުމަށް ކޯޓުގައި އެދޭނެ ކަމަށެވެ.
އަލީ އަފާފު ރަމީޒު
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި