ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގެ ތެރެއިން ދެވަނަ ޓަވަރުގައި ހަރުކުރި އާ ލިފްޓުތައް ބޭނުންކުރަން ފަށައިފިއެވެ.

ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި އެކަމަށްޓަކައި ވަނީ 200 މިލިއަން ރުފިޔާ ހިމަނައިފައެވެ.

ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާ ހަވާލުކޮށްގެން އެ ލިފްޓުތައް ހަރުކުމުގެ މަސައްކަތް ފެށީ 18 އޭޕްރިލް 2024 ގައެވެ.

އެޗްޑީސީގެ ޕީއާރު އެސިސްޓަންޓު މެނޭޖަރު މުހައްމަދު ސިރާޖު މިއަދު "ވަން" އަށް ވިދާޅުވީ ހިޔާގެ ދެވަނަ ޓަވަރުގައި ހުރި ކުރި އާ ޓަވަރުތައް ބޭނުންކުރަން ފެށީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އަދި މިހާރުވެސް ތިން ޓަވަރެއްގައި ލިފްޓު ހަރުކޮށް ނިންމާފައިވާ ކަމަށާއި އުންމީދަކީ މި އަހަރުގެ ނިޔަލަށް ހިޔާގެ 16 ޓަވަރުގައި 32 ލިފްޓު ހަރުކޮށް ނިންމުން ކަމަށް ވިދާޅުވި އެވެ.

މި އާ ލިފްޓުތަކަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. އަދި މި ލިފްޓުތަކަށް އެއްފަހަރާ 21 މީހުންނަށް އެރެ އެވެ.

"ޓަވަރު އެކެއްގައި ގައި ލިފްޓު ހަރުކޮށް ނިމިފައި ވަނީ. ޓެސްޓުކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ. މަސައްކަތް ކުރަނީ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ނިންމުމަށް. ލިފްޓު ބެހެއްޓޭ ވަރަކުން ބޭނުން ކުރުމަށް ހުޅުވާލާނެ،" ސިރާޖު ވިދާޅުވިއެވެ.