އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ހުންނަ އިޒްރޭލުގެ އެމްބަސީގައި މަސައްކަތްކުރާ ދެމީހެއްގެ ގަޔަށް ބަޑިޖަހައި މަރާލުމުގެ ހާދިސާއެއް ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހު ވަނީ ހިގައިފައެވެ. ބަޑިޖެހުމުގެ މި ހާދިސާ ތަމްސީލުވީ އިޒްރޭލުގެ އެމްބަސީގެ ކައިރިއަކު ނޫނެވެ. އެއީ ސަލާމަތީ ކަންކަން ވަރަށްބޮޑަށް އިތުރު ކުރެވިފައިވާ ހިސާބެކެވެ. މިކަމެއް ހިގާފައިވަނީ ވޮޝިންޓަނުގައި ހުންނަ ޔަހޫދީންގެ ދާރުލްއާސާރެއްގެ ބޭރުގައެވެ. އެތަނުގެ ތެރެއަށް ވަދެފައި އެބަޔަކު ނުކުތް ވަގުތުއެވެ. މަރުވެފައިވަނީ ޒުވާން އަންހެނަކާއި ފިރިހެނެކެވެ. އަންހެން މީހާއަކީ އެމެރިކާ މީހެކެވެ. ފިރިހެން މީހާއަކީ ޖަރުމަންވިލާތަށް ނިސްބަތްވާ މީހެކެވެ. ބުނެވޭގޮތުގައި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުންނެވެ. ކޮންމެއަކަސް މިދެންނެވި ދެ މީހުންނަކީ އިޒްރޭލުގެ ބަޔަކަށް ނުވިޔަސް، އެމީހުން މަސައްކަތްކުރާ ތަނަކީ އިޒްރޭލުގެ އެމްބަސީ ކަމަށްވާތީ މިހާދިސާ ވަނީ މުޅިދުނިޔޭގެ ސަމާލުކަން ލިބުނު ހާދިސާއަކަށް ވެފައެވެ.

މިހާދިސާ ކުށްވެރިކުރުމަށް ހުޅަގުގެ ގައުމުތަކުން އަވަސްވެގަތެވެ. މިއީ ކިހިނަކުން ހިގި ކަމެއްކަން ހާމަވުމުގެވެސް ކުރިންނެވެ. އެންމެންވެސް ކިޔޭތޯ އުޅެނީ އެއްލަވައެކެވެ. މިއީ ދުނިޔޭގެ ބައެއް ހިސާބުތަކުގައި ޔަހޫދީންނާމެދު ރުޅިވެރިކަން އުފެދޭގޮތަށް ޚަބަރުތައް ފަތުރާތީ ޔަހޫދީންނާމެދު އިތުރުވަމުންދާ ނަފުރަތުގެ ނަތީޖާ ކަމަށް އިޒްރޭލުން ވަނީ ސިފަކޮށްފައެވެ. އިޒްރޭލުން މުޅި ހާދިސާ ސިފަކުރަން މަސައްކަތް ކުރަނީ ޔަހޫދީންނާމެދު ރުޅިވެރިކަން އުފެދޭ ކަންކަން ކުރުމުގެ ނަތީޖާއެއްގެ ގޮތުގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ސަރުކާރުންވެސް މިހާދިސާ ކުރަހަން މަސައްކަތްކުރާ ކަމަށް ފެންނަނީ އެޒާތަށެވެ. ޔަހޫދީންނާމެދު ރުޅިވެރިކަން އުފެއްދުމުގެ ނަތީޖާއެއްގެ ގޮތުގައެވެ. އެމެރިކާގެ ފަސްގަޑުގައި ޔަހޫދީންގެ ލޭ އޮހޮރުވުމަށް އެއްވެސް ފުރުސަތެއް ނުދޭނޭ ކަމަށްވެސް ޓްރަމްޕު ވަނީ ވިދާޅުވެފައެވެ.

ކޮންމެއަކަސް އިވޭ އަޑުތަކުން އެއްކަމެއް ވަރަށް ސާފެވެ. ވޮޝިންޓަނުގައި ހުންނަ އިޒްރޭލުގެ އެމްބަސީގައި މަސައްކަތްކުރާ ޒުވާން ދެ ލޯބިވެރިޔަކު މަރާލައިފިއެވެ. އިޒްރޭލުގެ ބަޔަކަށް ނުވިޔަސް ޔަހޫދީންނެވެ. ސީނިއަރ މަގާމުތަކެއްގައި ތިބި ބައެއްވެސް ނޫނެވެ. މިކަމެއް ހިގީ އިޒްރޭލުގެ އެމްބަސީ ކައިރިއަކުވެސް ނޫނެވެ. އެކަމަކު ހުޅަގުގެ މީޑިއާއިންނާ އިޒްރޭލުން މިހާދިސާ ބޭނުންކުރަމުންދަނީ އިޒްރޭލަށް ދުނިޔޭގެ ހަމްދަރުދީއާއި ކުލުނު ހޯދުމުގެ ހާދިސާއެއްގެ ގޮތުގައެވެ. އިޒްރޭލަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ބޮޑުވެގެންވާ ގަތުލުއާއްމެއް މިހާރުވެސް ހިންގަމުންދާ ގައުމެއްކަން އޮޅޭ ގޮތަށެވެ. ކުޑަކުދިން ބަނޑަށް ޖައްސައި މަރަމުންދާ މުޖުރިމު ދައުލަތެއްކަން އޮޅޭ ގޮތަށެވެ. މިކަމެއް މިހިގީ އިޒްރޭލުގެ މޫނުމަތި ރީތިކުރުމަށްޓަކައި ޑިޕްލޮމެޓިކް ހަރަކާތްތަކެއް ހިންގަން ބޭނުންވެފައިވާ ދަނޑިވަޅެއްގައެވެ.

މިވަގުތު ބަޔާންކޮށްލަންޖެހޭ ހަގީގަތަކީ އިޒްރޭލުގެ އަމަލުތަކާމެދު ދުނިޔޭގެ ފާޑުކިޔުން ބޮޑުވެ ޕަބްލިކް ރިލޭޝަން ކެމްޕޭނެއް ހިންގަން މަޖުބޫރުވާ ކޮންމެ ދުވަސްވަރެއްގައި މިކަހަލަ ކަންކަން ހިގުމެވެ. އިއްތިފާގަކަށް ވެދާނެއެވެ. އިއްތިފާގެއް ނޫންކަމަށްވެސް ވެދާނެއެވެ. ބަޑީގެ ހާދިސާ ހިންގިމީހާ ވަނީ ދެނެގަނެވިފައެވެ. އޭނާވަނީ ހައްޔަރު ކުރެވިފައެވެ. އުމުރުން އެއްތިރީސް އަހަރުގެ އެމެރިކާ މީހެކެވެ. އެލިއާސް ރޮޑްރިގޭޒެވެ. ވޮޝިންޓަނުގެ ރަށްވެއްސެއް ނޫނެވެ. ޗިކާގޯއަށް ނިސްބަތްވާ މީހެކެވެ. ނަސާރާއެކެވެ. އޭނާ ހައްޔަރުކުރި ވަގުތު ފަލަސްތީނު މިނިވަންކުރާށޭ ގޮވިކަމަށްވެއެވެ. އެކަމަކު މިއީ އިޒްރޭލްގެ މީޑިއާ ފިޔަވައި އެހެންބަޔަކު ދައްކާ ވާހަކައެއް ނޫނެވެ. ބަޑިޖެހި މީހާވެސް ގޮވީ ފަލަސްތީނު މިނިވަންކުރާ ވާހަކައޭ ބުނުމުގެ ބޭނުމަކީ ފަލަސްތީނު މިނިވަންކުރުމުގެ ލަފުޒަކީވެސް ބައިނަލްއަގުވާމީ ގޮތުން ބަލައިނުގަނެވޭ ލަފުޒަކަށް ހެދުން ކަމަށް ވެދާނެއެވެ. ފަލަސްތީނު މިނިވަންކުރާށޭ ގޮވުމަކީ ހައްޔަރުކުރަންޖެހޭ ކަހަލަ ކުށަކަށް ހެދުމުގެ ނިޔަތެއް އޮތީކަމަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް މިއީ އިޒްރޭލުގެ ބަސްމަގު ހުރިގޮތެވެ. އެމެރިކާ މީހަކު ހިންގި ހާދިސާއެއް ފަލަސްތީނުގެ ރައްޔިތުންގެ ޖިހާދާ ގުޅުވައި އެއީ ޓެރަރިޒަމްކަމަށް ހަދަން ކެތްމަދުވެފައިވާ ކަމުގެ ހެއްކެކެވެ. ހަމަލަދިންމީހާގެ ވަނަވަރާއި ބޭނުންކުރި ހަތިޔާރާއި މިހާދިސާ ހިންގި ގޮތުގެ ތަފްސީލުތައް އެމެރިކާގެ ކަމާބެހޭ ފަރާތްތަކަށް އެގުނަސް ބައިނަލްއަގުވާމީ މީޑިއާއަށް އެއްކަމެއް ވަނީ ސިއްރުކޮށްފައެވެ. އެއީ މިހާދިސާ ހިންގުމުގެ ސަބަބެވެ. ފަހަރުގައި އޭނާގެ ގަސްތަކީ އިޒްރޭލުގެ އެމްބަސީގައި މަސައްކަތްކުރާ ބަޔަކު މެރުން ނޫންކަމަށްވެސް ވެދާނެއެވެ. އެކަމަކު ޔަހޫދީންގެ ދާރުލްއާސާރެއްގެ ބޭރުގައި މި ހާދިސާ ހިންގީމާ އޭނާގެ އަމާޒަކީ ޔަހޫދީންތަކެއް މެރުންކަމަށް ނިންމިދާނެއެވެ. އެގޮތުން އިޒްރޭލުގެ އެމްބަސީގައި މަސައްކަތްކުރާ ދެމީހަކު އޭނާގެ ބަޑީގެ ޝިކާރައްކަށްވީ ކަމަށް ވެެދާނެއެވެ. ފަހަރުގައި މިއީ އެ ދެމީހުންނަށް ކުރީއްސުރެ ފާރަލައިގެން ހިންގި ކަމަކަށް ވެދާނެއެވެ. އެދެމީހުންނާމެދު އޮތް ޒާތީ ރުޅިވެރިކަމެއްގެ ސަބަބުންނެވެ.

އެސަބަބުތައް މީޑިއާއަށް މިވަގުތު ހާމަނުކުރުމުގެ ބޭނުމަކީ އިޒްރޭލުން އެދައްކާ ވާހަކަތަކަށް މިވަގުތު ބާރުލިބޭ ގޮތަށް މައްސަލަ ބޭއްވުން ކަމަށް ވެދާނެއެވެ. މިހިރީ ހައްތާވެސް ވެދާނޭ ގޮތްގޮތެވެ. އެމެރިކާ އާއި ޔޫރަޕުގައި މިޒާތުގެ އަމަލެއް މީހަކު ނުވަތަ ބަޔަކު ހިންގައިފިއޭ އަޑުއިވޭއިރަށް އެންމެ ފުރަތަމަވެސް ގިނަބަޔަކު ހީކުރަނީ އެކަމުގެ ފަހަތުގައި ހުންނާނީ އަރަބި ކޮންމެވެސް ނަމެއްކިޔާ މުސްލިމެއް ކަމުގައެވެ. އެގޮތުން މިފަހަރުގެ ހާދިސާގެ ވާހަކަ އަޑުއިވުމާއެކު ތަފްސީލުތައް ހާމަވުމުގެ މާކުރިން މީސްމީޑިއާގައި މިހާދިސާޔާއި މެދުއިރުމަތި ގުޅުވުމަށް ބައެއް މީހުން މަސައްކަތް ކޮށްފައިވެއެވެ. ބަޑިޖެހިމީހާއަކީ އަރަބި ނަމެއްކިޔާ މުސްލިމެއް ނޫންކަމާއި އޭނާއަކީ ސްޕެނިޝް ނަމެއްކިޔާ ނަސާރާއެއްކަން އެނގުނީމާ ދެން ވާހަކައިގެ ތެރެއަށް އިތުރުކުރި ތަންކޮޅަކީ ފަލަސްތީނު މިނިވަންކުރާށޭ އެމީހާ ގޮވިޔޯލައެވެ. ދެން މައްސަލައެއް ނެތެވެ. އެމީހާ އެހެން ގޮވައިފިއެވެ. އޭނާ އެކަމަށް ގޮވުމަކީ އެއީ ކޮށްގެންނުވާނޭ ކަމަކީ ހެއްޔެވެ. އެހެން ގޮވުމަކީވެސް ކުށަކީ ހެއްޔެވެ. އަދި ކުށެއް ނޫނެވެ. އެކަމަކު ކުށަކަށް ހެދޭތޯ ބަޔަކު މަސައްކަތް އެބަކުރާކަން ޔަގީނެވެ. އިޒްރޭލުގެ ލީޑަރުންގެ ބަސްމަގާއި މީޑިއާގެ ކޮމެންޓަރީތަކުން އެކަން ވަރަށް ސާފެވެ.