މިއީ ދިވެހި ހައްޖުވެރިންނަށް އެންމެ ރަނގަޅަށް އިންތިޒާމު ހަމަޖެހިފައިވާ ހައްޖު މޫސުމަށް ވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ރާއްޖެއިން ދާ ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ރޭ ވަނީ ސައުދީ އަރަބިއާއަށް ގޮސްފައެވެ. މި އަހަރު ހައްޖުވެރިން ހައްޖަށް ގޮސްފައިވަނީ އަލަށް ތައާރަފުކުރި މައްކާ ރޫޓް އިނީޝިއޭޓިވް ހިދުމަތުގެ ދަށުންނެވެ.

އެ ޕްރޮގްރާމްގެ ސަބަބުން ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިއުމުގެ ފުރުސަތު ލިބޭއިރު، ހައްޖުވެރިންގެ ލަގެޖުތައްވެސް ސީދާ ހޮޓަލަށް ގެންގޮސްދޭނެ އެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން އިއްޔެ ސައުދީއަށް ދިޔަ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕަށް ފިނިފެންމަލުގެ މަރުހަބާއެއް ވަނީ ކިޔައިފަ އެވެ.

ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ސަބަބުން ހައްޖުވެރިން އެއާޕޯޓުގައި ގިނަ ވަގުތު މަޑުކުރަން ނުޖެހި، ދަތުރު ފޮށި ތަންމަތި އަމިއްލައަށް އުފުލަން ނުޖެހި، ބޮޑެތި ލުއިތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމުގައި ރާއްޖެ ހިމެނިގެން ދިއުމަކީ ލިބުނު އުފަލަކާއި ޝަރަފެއް ކަމަށް ވިދާޅުވި އެވެ.

''އިރާދަކުރެއްވިއްޔާ މި ފަހަރުގެ ހައްޖު ދަތުރުވެސް ދިވެހި ހައްޖާޖީންނަށް މިފަދަ އެތައް ލުޔެއް ލިބި، ހިދުމަތުގެ ފެންވަރުވެސް ރަނގަޅުވާނެ. ދިވެހި ހައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ހައްޖު މޫސުމަށްވާނެ'' ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އުންމީދަކީ ކުރިއަށް އޮތްތަނުގައި މިހާރަށްވުރެވެސް ބޮޑަށް ހައްޖާޖީންނަށް އިންތިޒާމުތައް ފަހިވެގެން ދިޔުން ކަމަށެވެ.