މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން ހައްވާ ޔުމްނު ރަޝީދު، (21އ)، ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް، (21އ) ބަންދުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު މީޑިއާތަކަށް ބުނީ، ރޭ ރައުދު ބަންދުން ދޫކޮށްލީ އޭނާގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް އެ އޮފީހުން އިރުޝާދު ދީފައިވާތީ ކަމަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ވަނީ، ރައުދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެ އޮފީހަށް ފުލުހުން ފޮނުވާފައިވާ މައްސަލަ ބަލައިގަތުމަށްފަހު ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ބުނެފަ އެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދު ހައްޔަރުކުރީ، މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް އެންމެ ފުރަތަމަ ޖެހީ ފަސް ދުވަހެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވެ އެވެ. ނަމަވެސް ފުރިހަމަ ކުރަންޖެހޭ އިޖުރާތްތަކެއް ހުރުމުން ކަމަށް ބުނެ މި މަހުގެ 22 ވަނަ ދުވަހު އޭނާ ބަންދުން ދޫކޮށްލި އެވެ. ހަމަ އެ ދުވަހު އާ އަމުރެއްގެ ދަށުން ރައުދު އަނެއްކާވެސް ހައްޔަރުކުރި އެވެ.