ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިންޑިއާ އަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ދެ ދުވަހުގެ އެ ދަތުރަކީ ރާއްޖެ އާއި އިންޑިއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ހައިލެވަލް ކޯ ގުރޫޕްގެ ދެ ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.

އެ ދަތުރުގައި އިންޑިއާގެ އެކްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާއި ބައްދަކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ ބައްދަލުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި އިންޑިއާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއެކު ބޭއްވި ބައްދަލުވުމަށްފަހު އެކުލަވާލެވުނު ތަސައްވަރު، "އަ ވިޝަން ފޯ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕް" ގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމާ ގުޅޭ ގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުންތަކެކެވެ.

އެ ކޯ ގުރޫޕްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ.