އޭޝިއާ އެތުލެޓިކްސްގެ މައި ޖަމިއްޔާ، އޭޝިއަން އެތުލެޓިކްސް އިން ރާއްޖޭގެ ކޮމިޝަނާ އޮފް ސްޕޯޓްސް އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ތޮލާލަށް ލީޑާޝިޕް އެވޯޑް ދީފިއެވެ.

އެސޯސިއޭޝަންގައި ތޮލާލް ކުރެއްވި މަސައްކަތާއެކު އެތުލެޓިކްސްއަށް ކޮށްދެއްވި ހިދުމަތަށް އެވޯޑް ދީފައިވާ އިރު، އެ އެވޯޑު ތޮލާލަށް ދިނީ ރޭ ދެކުނު ކޮރެއާގެ ގޫމީގައި ބޭއްވި އޭޝިއާގެ އެތުލެޓިކްސްގެ ކޮންގްރެސްގައެވެ. ތޮލާލާ އެވޯޑް ހަވާލުކޮށްދެއްވީ އޭޝިއާ އެތުލެޓިކްސްގެ ރައީސް، ގަތަރުގެ ދަހްލާން އަލް ހަމަދެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމު 2012 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން އައި ތޮލާލް، އެ މަގާމާ ދުރަށް ވަޑައިގަތީ 2023 ވަނަ އަހަރު ނޮވެމްބަރު މަހުއެވެ. އެއީ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގައި ހުންނަވައި، ތޮލާލް ވަނީ ރާއްޖޭގެ އެތުލެޓިކްސް އެހެން ހަރުފަތަކަށް ގެންދަން ބުރަ، ވަރުގަދަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

އޭނާގެ ވިސްނުމާއި ލީޑާޝިޕާއެކު އެސޯސިއޭޝަނުގެ ބުރަ މަސައްކަތާއެކު އެތުލެޓިކްސްއަކީ މެޑަލް ގެނެސްދޭ ކުޅިވަރަކަށް ހަދާފައިވާއިރު، ތޮލާލަކީ މީގެ ކުރިން 2021 ވަނަ އަހަރު އެމްއޯސީގެ ނައިބު ރައީސްކަންވެސް ކުރެއްވި ބޭފުޅެކެވެ.