ގޭންގު ކުށްތައް ހައްލު ނުވެ އޮތީ ކުރީގެ ސިޔާސީ މީހުން އެކަން ކުރަން ބޭނުން ނުވީމަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅު ވަނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހަގީގީ މާނައިގައި ހައްލު ގެންނަވަން ކަމަށެވެ. އެގޮތުން ރާއްޖޭގައި ގޭންގު ކުށްތައް ހައްލު ނުވެ އޮތީ އެކަމުގެ "ޕޮލިޓިކަލް ވިލް" ނެތިގެން ކަމަށްވެސް ވިދާޅުވި އެވެ.

"ޕޮލިޓިކަލް ވިލް ނެތިގެން، އެ ނޫން އެއްވެސް ސަބަބެއް ނެތް. ގޭންގުތަކުގައި އުޅޭ ފަރާތްތަކަށް ދީލައިލަނީ އަމިއްލަ މަސްލަހަތު" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ގޭންގު ކުށްތައް ހައްލުކުރުމުގައި ވަކި މީހެއްގެ މޫނަކަށް ކަނދުރާއަކަށް އެ މަނިކުފާނު ނުބައްލަވާނެ ކަމަށާއި ބޭނުންފުޅު ވަނީ އަމާން ރާއްޖެއެއް ހޯއްދައިދެއްވަން ކަމަށެވެ.

މިއަދު ރައީސް ތަސްދީގު ކުރެއްވި ބިލުގައިވާ ގޮތުން، ކުށްކުރާ ގްރޫޕްތައް ނުވަތަ ގޭންގްތައް ހޯދަން ޖެހޭނީ ވެސް އާންމު އުސޫލުން ހިންގާ ތަހުގީގެއްގެ ތެރެއިންނެވެ. އެ ތަހުގީގުގެ ތެރެއިން ވަކި ގުރޫޕަކީ ކުށްކުރާ ބައެއްކަން ނުވަތަ ވަކި މީހަކީ ކުށްކުރާ ގުރޫޕަކަށް ނިސްބަތްވާ މީހެއްކަން ފުލުހުން ސާބިތު ކޮށްދޭން ޖެހޭނީ އާންމު އުސޫލުން ހެކި ހޯދައިގެންނެވެ. އަދި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާއި އެ ނޫންވެސް ހަރުކަށި ފިޔަަވަޅުތައް ހިމެނެއެވެ.

މިހާރު އަމަލުކުރާ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު އޮންނަ ގޮތުން ގޭންގް ލީޑަރުންނާއި މެމްބަރުން ކަނޑައެޅެން އޮންނަނީ ދައުލަތުން ދައުވާކުރުމުން ކޯޓުތަކަށެވެ.