ކުށް ކުރުމަށް ބޭނުންކުރި މުދަލާއި ފައިސާ އާއި ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށާއި، ކުށް ކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ހިމަނައިގެން ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސެއިން ހުށަހެޅުއްވި މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

ނުވަބާބުގެ މައްޗަށް 100 މާއްދާ ހިމެނޭ މި ގާނޫނުގައި "އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށް" ތަކުގެ ގޮތުގައި ހަ ކަމެއް ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މަސްތުވާތަކެތި ޓްރެފިކްކުރުން
  • މީހުން ޓްރެފިކްކުރުން
  • ރާއްޖެއަށް ގެނައުން މަނާ ތަކެތިން ވިޔަފާރިކުރުން
  • އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުން
  • ނުރައްކާތެރިކުށް
  • އަނިޔާވެރި ކުށްތަކުގެ ތެރެއިން ކުށުގެ އަދަބުގެ ގޮތުގައި10 އަހަރުދުވަހުގެ މުއްދަތަށްވުރެ ދިގު މުއްދަތަކަށް ޖަލުގައި ބަންދު ކުރުމުގެ އަދަބު ކަނޑައެޅުމުގެ ކުށް

މި ގާނޫނުގައި ނުރައްކާތެރި ކުށުގެ ގޮތުގައި ފަސްކަމެއް ވަނީ ކަނޑައަޅައިފައެވެ.

  • މީހަކު މަރާލުން
  • މީހަކާމެދު ނުރައްކާތެރި މާރާމާރީ ހިންގުން
  • މީހަކަށް ބޮޑު ޖިސްމާނީ އަނިޔާއެއް ދިނުން
  • މީހަކު ކިޑްނެޕްކުރުން
  • މީހަކަށް ބިރުދެއްކުން

މި ގާނޫނުގައި "އިންތިޒާމުވެފައިވާ ގްރޫޕެއް" ކަމަށް ބުނެފައިވަނީ ހަމައެކަނި ވަކި ކުށެއް ކުރުމަށް އެ ހިނދަށް އެކުވާ ބަޔަކުކަމުގައިނުވާ އެއް ފަހަރަށްވުރެ ގިނަ ފަހަރު އިންތިޒާމުވެގެން ޖިނާއީ ކުށްކުރުމަށް ގުޅިގެން މަސައްކަތްކުރާ ގްރޫޕަކަށެވެ.

މި ގާނޫނު ބުނާ ގޮތުން އެ ގްރޫޕަކީ އިންތިޒާމު ކުރެވިފައިވާ ކުށްކުރާ ގްރޫޕެއްްކަން ކަނޑައަޅާނީ، ގާނޫނުގައި ހިމެނޭ ކަންކަމަށް ބަލައި އެ ކަންކަން ފުރިހަމަކޮށް، ޕްރޮކިއުޓާ ޖެނެރަލް އެކަމަށް އެދި ހައިކޯޓަށް ހުށަހެޅުމުން، މި ގާނޫނުގައި ހިމެނޭ ކަންކަން ބެލުމަށްފަހު އެ ކޯޓުންނެވެ.

މި ގާނޫނުގައި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެ ފަދަ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތް ވަނީ ކަނޑައަޅައިފައެވެ.

މި ގާނޫނު ބުނާ ގޮތުން މީހަކާ ގުޅިގެން މި ގާނޫނުގައި ހިމެނޭ ކަންކަން ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިކަމުގައި ޕްރޮސިކިއުޓާ ޖެނެރަލަށް ގަބޫލުކުރެވޭނަމަ، އެ މީހަކު ހޯދާފައިވާ މުއްސަނދި ކަމަކީ ނުހައްގުން ހޯދާފައިވާ މުއްސަނދި ކަމެއްކަން ކަނޑައަޅަދިނުމަށްޓަކައި ހައިކޯޓަށް ހުށަހެޅުމުގެ އިހުތިޔާރު ޕްރޮސިކިއުޓާ ޖެނެރަލަށް ލިބިގެންވެއެެވެ.

އެ މީހަކު ހޯދާފައިވާ މުއްސަނދިކަމަކީ ނުހައްގުން ހޯދާފައިވާ މުއްސަނދިކަމެއްކަން، ކޯޓުން ކަނޑައެޅުމުން އެ މުދަލާއި ފައިސާ ދައުލަތާށް ނެގޭނެ ގޮތްވެސް މި ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.

މި ގާނޫނުގައި ކުށްކަމަށް ކަނޑައަޅާފައިވާ ކަންކަމަށް ތުހުމަތު ކުރެވޭ ހާލަތުގައި ކޯޓު އަމަލުތަކާ ނުލައި މީހުން ހައްޔަރުކުރުމާއި އެ މީހަކު ހުރި ތަނެއް ބަލައި ފާސްކުރުމާއި އުޅަނދު ފަހަރު ހުއްޓުވައި ބަލައި ފާސްކުރުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ. މި ގާނޫގައިވާ ގޮތުން އެއްވެސް މީހަކު ކުޑަކުއްޖަކަށް އެއްވެސް ބާވަތެއްގެ ވަޅިއެއް ވިއްކުމަކީ މަނާ ކަމެކެވެ.

އޭގެ އިތުރުން ބައެއް ބާވަތްތަކުގެ ވަޅިއަކީ ހަތިޔާރުކަމަށް ކަނޑަޅައި އެފަދަ އެއްޗެހި ރާއްޖެ އެތެރެކުރުން މަނާ ކަމަށް ވަނީ ކަނޑައަޅައިފައެވެ.

މި ގާނޫނުގައި ހިމެނޭ ކުށްތަކަށް 10 އަހަރު ދުވަހުން މަތިން ޖަލު ހުކުމްގެ އަދަބާއި ފަސް މިލިއަނާ ހަމައަށް ޖޫރިމަނާގެ އިތުރުން މަރުގެ އަދަބުވެސް ވަނީ ކަނޑައަޅައިފައެވެ.