އޯލްޓަނޭޓިވް އިންވެސްޓްމަންޓް ކުންފުނި، ކޭއެސްއެލް ކެޕިޓަލް ޕާޓްނާސް އިން ރާއްޖޭގެ ސޮނޭވާ ކުންފުނީގެ ހިއްސާގެ ބޮޑު ބައެއް ގަނެފިއެވެ.

ކޭއެސްއެލް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތައް ހިންގާ ސޮނޭވާ ކުންފުނީގެ ހިއްސާގެ ބޮޑު ބައެއް ގަނެފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ މިއީ އެ ކުންފުނިން 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ސޮނޭވާ ކުންފުނީގައި ކުރި ކުޑަ އިންވެސްޓްމަންޓަށް ބިނާކޮށް ކުރި އިންވެސްޓްމެންޓެއް ކަމަށެވެ.

ކޭއެސްއެލް އިން ސޮނޭވާގެ ހިއްސާގެ ބޮޑު ބައެއް ގަތުމަށްފަހު ވަނީ ސޮނޭވާ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ނީލް ގަލަގާ އައްޔަންކޮށްފައެވެ.

ނީލް ގަލަގާއަކީ 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ޔޫރަޕާއި އެމެރިކާ އަދި މެދު އިރުމަތި އަދި ކެރީބިއަންގައި މަސައްކަތް ކުރައްވައިފައެވެ. އޭނާ އެންމެ ފަހުން ހުންނެވީ ކްލާމެންޓް ހޮޓެލްސްގެ ސީއީއޯ އަދި ސީއެފްއޯ މަގާމުގައެވެ.

ކޭއެސްއެލްއަކީ އެމެރިކާގެ އިކުއިޓީ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ހޮސްޕިޓާލިޓީ، ރެކްރިއޭޝަން ކްލަބް، ރިއަލްއެސްޓޭޓް އަދި ޓްރެވެލްގެ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ.