ފޯރިގަދަކޮށް ފެނިގެން ދިޔަ މި ސީޒަނުގެ އިޓަލީ ލީގު، އެންމެފަހުން މެޗުން ނަޕޯލީން ކާމިޔާބު ކޮށްފިއެވެ.
ނަޕޯލީން މި ސީޒަނުގެ ލީގު ޔަގީން ކުރީ ރޭ ކަގްލިއާރީ ކައިރިން 2-0 އިން އަމިއްލަ ދަނޑުގައި މޮޅުވެގެންނެވެ. ރޭގެ މެޗަކީ ނަޕޯލީން މި ސީޒަނުގެ ލީގުގައި ކުޅުނު ފަހު މެޗެވެ. ރޭގެ މެޗަށް ނުކުތްއިރު، ނަޕޯލީއަށް އަމިއްލަ ބާރުގައި ލީގު ހޯދުމަށް ފުރުސަތު އޮތް އިރު، ދެވަނައިގައި އޮތް އިންޓަ މިލާނަށްވެސް ލީގުގެ ފުރުސަތު އޮތެވެ.
އިންޓައިން ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ކޮމޯ ބަލިކުރީ 2-0 އިން ނަމަވެސް، އެޓީމަށް ލީގު ނުލިބުނީ 38 މެޗުން 81 ޕޮއިންޓް ލިބިފައި އޮތުމުންނެވެ. ނަޕޯލީން ލީގު ހޯދީ 38 މެޗުން 82 ޕޮއިންޓާއެކުގައެވެ.
ފުރަތަމަ ހާފުގެ ބޮޑު ބައެއްގައި ނަޕޯލީން ޑޮމިނޭޓް ކުރަމުން ދިޔަ އިރު، އެޓީމަށް ގޯލެއް ނުޖެހި ހާފު ނިންމާލަން ދިޔައީ ކޮންމެވެސް ވަރެއްގެ ޕްރެޝަރެއްގައެވެ. ހާފު ނިމުމުގެ ކުރިން އެ ޕްރެޝަރު ކަނޑުވާލަ ދިނީ ސްކޮޓް މެކް ޓޮމިނޭ ޖަހައިދިން ހިތްގައިމު ގޯލުންނެވެ.
މި ސީޒަނަށް މެންޗެސްޓާ ޔުނައިޓެޑުން ނަޕޯލީއަށް ދިޔަ މެކް ޓޮމިނޭ ޖެހި އެ ގޯލާއެކު ނަޕޯލީގެ ދަނޑު ގުގުމާލި އިރު، ރޮމެލޫ ލުކާކޫ ޖެހި ދެވަނަ ގޯލާއެކު ނަޕޯލީއަށް ހަތަރު ވަނަ ފަހަރަށް ލީގު ޔަގީންވިއެވެ.
މީގެ ކުރިން ނަޕޯލީން ވަނީ 1986-87 ވަނަ އަހަރުގެ ސީޒަނާއި 1989-90 ވަނަ އަހަރުގެ ސީޒަނުގެ އިތުރުން 2022-23 ވަނަ އަހަރުގެ ސީޒަން ކާމިޔާބު ކޮށްފައެވެ.
ރޭގެ ތަށި ކޯޗު އެންޓޯނިއޯ ކޮންޓޭއަށްވެސް ހާއްސައެވެ. އެއީ އޭނާގެ ފަސްވަނަ ލީގު ތަށްޓެވެ. އަދި ކޮންޓޭއަކީ މިހާތަނަށް ތިން ކްލަބާއެކު އިޓަލީ ލީގު ހޯދި ފުރަތަމަ ކޯޗެވެ. މީގެ ކުރިން އޭނާ ވަނީ ޔުވެންޓަސްއާއެކު ތިން ތަށި، އިންޓައާއެކު އެއް ލީގު ތަށި ހޯދައިފައެވެ.
މުޙައްމަދު ޝަމްޢޫން
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ