އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބިންހެލުމެއްގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ސުމަޓްރާއަށް އިއްޔެ އައި 5.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ ސަބަބުން 100 އަށްވުރެ ގިނަ ގެއަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖީއެމްޓީ ގަޑިން 07:52 ގައި އެ ބިންހެލުން އައިސްފައިވަނީ ސުމަޓްރާގެ ބެންގްކޫ ޕްރޮވިންސާއި ދިމާލު ކަނޑުގެ އަޑިން 68 ކިލޯމީޓަރުން ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެއެވެ.

އިންޑޮނޭޝިއާގެ ބިންހެލުމާބެހޭ އިދާރާއިން ވަނީ އެ އިދާރާއަށް އެ ބިންހެލުން ރެކޯޑު ކުރެވިފައިވަނީ 6 މެގްނިޓިއުޑްގައި ކަމަށް ބުނެފައެވެ.

ބިންހެލުން ބާރުގަދަ ނަމަވެސް އެ ސަރަހައްދަށް ސުނާމީ އަރައިފާނެ ކަމުގެ އިންޒާރު ދީފައެއްނުވެއެވެ.

އިންޑޮނޭޝިއާގެ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓުން ވަނީ އެ ބިންހެލުމުގެ ލޮޅުމުގެ ސަބަބުން ސުމަަޓްރާގެ 100 އަށްވުރެ ގިނަ ގެއަށް ގެއްލުން ވެފައިވާއިރު ސަރުކާރުގެ ހަ އިމާރާތަކަށް ވެސް ބޮޑެތި ގެއްލުން ވެފައިވާކަމަށް ފާހަގަކޮށްފައެވެ.

ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައިވާކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

އިންޑޮނޭޝިއާ އޮންނަ ސަރަހައްދުގެ ގޮތުން އެ ސަރަހައްދުގެ އަޑީގައި އޮންނަ ޓެކްޓޯނިކް ޕްލޭޓް ތަކުގެ ސެސްމިކް ހަރަކާތްތަކުގެ ސަބަބުން އެ ސަރަހައްދަކީ ބިންހެލުން ގިނަ ސަރަހައްދެކެވެ.