މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން ހައްވާ ޔުމްނު ރަޝީދު، (21އ)، ވެއްޓުނު ހާދިސާގެ ތަހުގީގަށް ބަންދު ކޮށްފައި ހުއްޓައި އިއްޔެ ދޫކޮށްލައި އަލުން އަނެއްކާވެސް ހައްޔަރުކުރި އަހުމަދު ޒިލާލް، (21އ) ގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނީ ރައުދުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ރައުދުގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން ރައުދު އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 24 ގައެވެ. ރައުދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޖެހިގެން އައި ދުވަހު ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރި އިރު، އޭގެ ފަހުން ކްރިމިނަލް ކޯޓުން ވަނީ ރައުދުގެ ބަންދަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު 10 ދުވަސް ޖަހައިފައެވެ. އެ ފަހުން މި މަހުގެ 10 ވަނަ ދުވަހު ރައުދުގެ ބަންދަށް އަނެއްކާވެސް ފަސް ދުވަސް ޖެހިއެވެ.

ރައުދުގެ ބަންދު އެންމެފަހުން އިތުރުކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ. އެފަހަރު އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުންވަނީ 20 ދުވަސް ޖަހައިފައެވެ.

ރައުދުގެ ބަންދު އިތުރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށްބުނެ އޭނާގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ފުލުހުން އޭނާ ބަންދުން އިއްޔެ ދޫކުރި އިރު ހައިކޯޓުން އިއްޔެ ވަނީ އެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައެވެ.

ނަމަވެސް ފުލުހުން، ރައުދު ބަންދުން ދޫކޮށްލާފައިވާތީ ހައިކޯޓުން ވަނީ އެ އިސްތިއުނާފީ މައްސަލަ ބާތިލުކޮށްފައެވެ.

ރައުދު ހައްޔަރު ކުރި އިރު އޭނާގެ މައްޗަށް ހަތަރު ތުހުމަތެއް ފުލުހުން ކުރިއެވެ. އެއީ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރުމާއި، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ވުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމުގެ ތުހުމަތާއި މިނިވަނެއްގެ ގޮތުގައި ހުރެގެން ހެކި ނައްތައިލަފާނެ ކަމުގެ ތުހުމަތެވެ. ނަމަވެސް ފުލުހުން ފަހުން ވަނީ، ޖިންސީ ބޭނުން ހިފުމުގެ ކުށް އުނިކޮށްފައެވެ.

ޔުމްނުއަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު މިހާރު ފަރުވާ ދެމުންދަނީ މެލޭޝިއާގެ ހޮސްޕިޓަލެއްގައެވެ. ފުލުހުން ބުނާ ގޮތުން އެ މައްސަލައިގެ ތަހުގީގަށް ޔުމްނުގެ ބަޔާން ނެގުމަށް މަސައްކަތް ކުރިޔަސް އާއިލާގެ ފަރާތުން އެކަމަށް އެއްބާރުލުމެއް ނުލިބެއެވެ. އެހެންވެ މެލޭޝިއާގެ ފުލުހުންނާ ގުޅިގެން ޔުމްނުގެ ބަޔާން ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.