މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު މައްސަލައިގެ ތަހުގީގަށް ޔުމްނުގެ އާއިލާގެ ފަރާތުން އެއްބާރުލުން ލިބެމުން ނުދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޔުމްނުއާ ސުވާލުކުރުމުގެ އިންތިޒާމު އާއިލާގެ އެއްބާރުލުން ލިބުމާއެކު ހަމަޖެއްސުމަށް ވަނީ ތައްޔާރުވެފައި ކަމަށެވެ. އެގޮތުން ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހުން މެލޭޝިއާގައި ތިބި ވާހަކަ މައުލޫމާތަށް ޓަކައި ދަންނަވާކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން އެއް ފުލުހަކީ މެޑިކަލް ޑޮކްޓަރެއްކަމަށް ވެސް ފުލުހުން ބުންޏެވެ.
"މިއަދާ ހަމައަށް، ތަކުރާރުކޮށް މުއާމަލާތުކުރަން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް، އަނިޔާ ލިބުނު އަންހެން މީހާގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައިނުވާކަން ފާހަގަކުރަމެވެ" ފުލުހުން ބުންޏެވެ.
އަދި ޔުމްނުގެ ސިއްހީ ހާލަތާގުޅޭގޮތުންވެސް ފުލުހުންނާ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައިނުވާކަމަށް ފުލުހުން ބުންޏެވެ. ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލް ބަދަލު ކުރިއިރުވެސް ފުލުހުންނަށް އެ މައުލޫމާތު ހިއްސާކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގު ޓީމުން މިއަދާ ހަމައަށް މަސައްކަތް ކުރަމުން ދިޔައީ އާއިލާގެ ފަރާތުން އެއްބާރުލުން ލިބޭނެކަމުގެ އުންމީދުގައި ކަމަށް ފުލުހުން ބުންޏެވެ.
"ނަމަވެސް، އެއްބާރުލުން ލިބިފައި ނުވާތީ މެލޭޝިއާގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ޓަކައި މެލޭޝިއާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުންގެންދާ ވާހަކަ ދަންނަވަމެވެ" ފުލުހުން ބުންޏެވެ.
ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް ބަންދު ކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް، 21، މިއަދު ހެނދުނު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލައިފައެވެ.
ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅުމައްޗަށް 21 އަހަރުގެ ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. ޔުމްނު، ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނުއިރު އޭނާއާއެކު އުޅުނީ ރައުދުއެވެ.
އެ މައްސަލައިގައި ފުލުހުން ރައުދު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 24 ގައެވެ. ރައުދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޖެހިގެން އައި ދުވަހު ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރި އިރު، އޭގެ ފަހުން ކްރިމިނަލް ކޯޓުން ވަނީ ރައުދުގެ ބަންދަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު 10 ދުވަސް ޖަހައިފައެވެ. އެ ފަހުން މި މަހުގެ 10 ވަނަ ދުވަހު ރައުދުގެ ބަންދަށް އަނެއްކާވެސް ފަސް ދުވަސް ޖެހިއެވެ.
ރައުދުގެ ބަންދު އެންމެފަހުން އިތުރުކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ. އެފަހަރު އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުންވަނީ 20 ދުވަސް ޖަހައިފައެވެ.
ރައުދުގެ ބަންދު އިތުރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށްބުނެ އޭނާގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ފުލުހުން އޭނާ ބަންދުން ދޫކުރިއިރު ހައިކޯޓުން މިއަދު ވަނީ އެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައެވެ.
ނަމަވެސް ފުލުހުން، ރައުދު ބަންދުން ދޫކޮށްލާފައިވާތީ ހައިކޯޓުން ވަނީ އެ އިސްތިއުނާފީ މައްސަލަ ބާތިލުކޮށްފައެވެ.
ހައިކޯޓުގެ ދައުވާ ފޯމު ބާތިލުކުރި ރިޕޯޓުގައި ބަޔާންކޮށްފައިވަނީ ރައުދުގެ ހުށަހަޅާފައިވާ މައްސަލަ ބެލުމަށް ހަމަޖެހިފައި ވަނިކޮށް، އޭނާ މިއަދުގެ ހެނދުނު ބަންދުން ދޫކޮށްލާފައިވާތީ އިސްތިއުނާފީ މައްސަލަ ބާތިލުކޮށްދިނުމަށް އެދި ރައުދުގެ ފަރާތުން ސިޓީ ފޮނުވާފައިވާ ކަމަށެވެ.
އެހެންވެ ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން، ރައުދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލަ ބާތިލުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަކީ ފަނޑިޔާރު ފާތިމަތު ފަރްހީޒް، ފަނޑިޔާރު މުހައްމަދު ފައިސަލް (ރިޔާސަތު) އަދި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް