މިދިޔަ ހަފުތާގައި ދުވާލަކަށް ހައެއްކަ ސްކޭމް ހިންގާފައިވާ ކަމަށާއި އެ ސްކޭމްތަކުން 481،500 ރުފިޔާ ގެއްލުނު ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފިއެވެ.
އެންޓި ސްކޭމް ސެންޓަރުން އިއްޔެ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ މިމަހުގެ 13 ވަނަ ދުވަހުން 19 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 45 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ސްކޭމްތަކުން 481،520.67 ރުފިޔާ ގެއްލުނު ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ.
ގެއްލުނު ފައިސާތަކުގެ ތެރެއިން އަނބުރާ ހޯދިފައިވަނީ 383،610.08 ރުފިޔާ ކަމަށާއި އެއީ ގެއްލުނު ފައިސާގެ 80 ޕަސަންޓު ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ.
އެ ސެންޓަރުން ބުނީ އެންމެ ގިނައިން ހިންގާފައިވަނީ އީ ކޮމާސް ސްކޭމްތަށް ކަމަށާއި އެ ބާވަތުގެ 26 ސްކޭމެއްގެ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ދެން އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ ފޭސްބުކް މާކެޓް ޕްލޭސްއާ ގުޅުންހުރި ސްކޭމްތައް ކަމަށާއި އެގޮތުން އެފަދަ ސްކޭމްތަކުގެ 20 މައްސަަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ބޭރު ފައިސާ މާރުކުރުމުގެ ސްކޭމްގެ 10 މައްސަލައެއް ރިޕޯޓުކުރި އިރު ފޯނު މެދުވެރިކޮށް ހިންގާ ސްކޭމްތަކުގެ ފަސް މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ.
ސްކޭމަރުން، ސްކޭމް ހިންގުމަށް ބޭނުންކޮށްފައިވާ ވަސީލަތްތަކައް ބަލާއިރު ވައިބާ މެދުވެރިކޮށް ނުވަ ސްކޭމެއް، ފޯނު ކޯލް ކޮށްގެން ހަ ސްކޭމެއް ހިންގާފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ. އަދި އައިބޭ، މެސެންޖާ، ޓެލެގްރާމްގެ އިތުރުން އިންސްޓަގްރާމް ބޭނުން ކޮށްގެންވެސް އެކި ސްކޭމް ހިންގާފައިވާކަމަށް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ.
މުހައްމަދު އިޝާން
މަކަރާއި ހީލަތް
މަކަރާއި ހީލަތް