ފުރަތަމަ ފޮރިން ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) ގެ ގޮތުގައި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ސީއީއޯކަމުގެ މަގާމަށް އައްޔަން ކުރި، ޔުކްރެއިންގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް އެމަގާމުން ވަކި ކުރި މައްސަލައަށް ޖަވާބުދާރީވުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.
މިފްކޯގެ ސީއީއޯ ކަމުގެ މަގާމަށް ވިޓާލީ އައްޔަންކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
އޭނާ އެ މަގާމުން ވަކިކުރީ މިދިޔަ މާޗު މަހުގެ ތިންވަނަ ދުވަހުއެވެ.
ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ހާމަކޮށްފައެއް ނުވެއެވެ.
ނޯޓިސްއެއް ނުދީ ސީސީއޯކަމުގެ މަގާމުން ވަކިކުރުމާ ގުޅިގެން ވިޓާލީގެ ފަރާތުން އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބައުނަލަށް ހުށަހެޅިއެވެ.
މި މައްސަލައިގައި އޭނާ އެދިފައި ވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ތިން މަސް ދުވަހުގެ ނޯޓިސް ނުވަތަ ނޯޓިސްގެ ބަދަލުގައި ތިން މަސް ދުވަހުގެ މުސާރަ ނުދީ ކަމަަށް ކަނޑައަޅައިދިނުމަށާއި ތިން މަސް ދުވަހުގެ ނޯޓިސް ނުދީ ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާގެ އެއްބަސްވުމުގެ ދަށުން ތިން މަސް ދުވަހުގެ މުސާރައަށްވާ 42،000 ޑޮލަރު މިފްކޯއިން އޭނާއަށް ދޭންޖެހޭ ކަމަށް ކަނޑައަޅައިދިނުމަށެވެ.
ނަމަވެސް މި މައްސަލަ ޓްރައިބިއުނަލަށް ނުބެލޭނެ ކަމަށް ބުނެ މިފްކޯއިން އިޖުރާއީ ނުކުތާއެއް ނެގިއެވެ.
އެ އިޖުރާއީ ނުކުތާގައި މިފްކޯއިން ބުނެފައި ވަނީ، ސަރުކާރުގެ ކޮންމެ ކުންފުންޏެއްގައި މަދުވެގެން ތިން ޑިރެކްޓަރުން ތިބެންވާނެ ކަމަށް ކުންފުނީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ ކުންފުންޏެއްގައި މެނޭޖިން ޑިރެކްޓަރެއް ހުންނަން ޖެހޭނެ ކަމަށާއި އެ މަގާމުގައި ހުންނަ މީހަކީ، ކުންފުނީގެ ޑިރެކްޓަރުންގެ ތެރެއިން މީހަކަށް ވާން ޖެހޭނެ ކަމަށް ގާނޫނުގައި ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް ކުންފުނީގެ ޑިރެކްޓަރުންނަށް ލިބިގެންވާ އާއްމު ބާރުތަކާއި ހައްގުތަކާއި މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ އިތުރުން، ކުންފުނީގެ ދުސްތޫރުގައި ކަނޑައަޅާގޮތަށް ނުވަތަ ކުންފުނީގެ ބޯޑުން ކަނޑައަޅާ ގޮތުގެމަތިން، ކުންފުނީގެ ހިންގުމުގެ މައިގަނޑު ބާރުތަކާއި ހައްގުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތުތައް މެނޭޖިން ޑިރެކްޓަރާ ގާނޫނުން ހަވާލުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އަދި މެނޭޖިން ޑިރެކްޓަރަކީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އިރުޝާދާއި ކޮންޓްރޯލްގެ ދަށުން އެ ބާރުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ކަނޑައެޅޭ ފަރާތް ކަމަށް ގާނޫނު ބުނާ ކަމަށްވެސް ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން ސަރުކާރު ކުންފުނިތަކަށް ޑިރެކްޓަރުން އައްޔަންކޮށް ވަކިކުރުމުގެ އުސޫލުތައް ކުންފުނީގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިރު، މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުންނަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވަވާ ނަންތަކުގެ ތެރެއިން ޕީސީބީން އައްޔަން ކުރާ ބައެއް ކަމަށާއި ޕީސީބީގެ ފަރާތުން ޑިރެކްޓަރަކު ވަކިކުރުމުން، އެ ޑިރެކްޓަރުގެ މަގާމު ހުސްވީކަމަށް ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށާއި މިފްކޯގެ ހިންގާ ގަވާއިދުގައިވާ ގޮތަށް ބަލާއިރު، އެ ކުންފުންޏަށް ޑިރެކްޓަރަކު އައްޔަންކޮށް ވަކިކުރުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ޕީސީބީއަށް ކަމަށްވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަކަށް ހަވާލާދީ، ކުންފުނީގެ ޑިރެކްޓަރުން ނުވަތަ މެނޭޖިން ޑިރެކްޓަރުންގެ މަގާމަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށަށް ފެތޭ ވަޒީފާއެއް ނޫންކަން ސާބިތުވާ ކަމަށްވެސް ހުށަހެޅިއެވެ.
އެެހެންކަމުން މެނޭޖިން ޑިރެކްޓަރުކަމުގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ، ވިޓާލީ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައަކީ، ވަޒީފާއާބެހޭ އާއްމު އުސޫލުން ހިންގައި، މައްސަލަ ބެލުމުގެ އިހުތިސޯސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާ މައްސަަލައެއް ނޫން ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
އަދި ބަހުސްގެ ބޭނުމަށް ވިޓާލީ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށް ބެލެވޭ ހާލަތުގައި ވެސް، އެފަރާތް މަގާމުން ވަކިކޮށްފައި ވަނީ ޕްރޮބޭޝަންގެ މުއްދަތުގައި ކަމަށް ވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެ މައްސަލަ ބެލުމުގެ އިހުތިސޯސް ލިބިގެންނުވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި މި މައްސަލަ ބެލުމުގެ އިހުތިސޯސް ޓްރައިބިއުނަލަށް ލިބިގެންނުވާ ކަމަށް ކަނޑައަޅައި މައްސަލަ ހުށަހެޅި ފޯމް ބާތިލް ކުރުމަށް މިފްކޯއިން ވަނީ އެދިފައެވެ.
ނަމަވެސް މި މައްސަލައިގައި ދެފަރާތުން ހުށަހެޅި ހުށަހެޅުންތަކާއި ދިން ޖަވާބުތަކަށް ބެލުމަށްފަހު، ޓްރައިބިއުނަލުން ނިންމާފައި ވަނީ، މި މައްސަލައަކީ ޓްރައިބިއުނަލަށް ބަލައިގަނެ މައްސަލައާ މެދު ގޮތެއް ކަނޑައަޅަންޖެހޭ މައްސަަލައެއް ކަމަށެވެ.
އެހެންކަމުން މި މައްސަލަށް މައުލޫއީގޮތުން ޖަވާބުދާރީވުމަށް ޓްރައިބިއުނަލުން މިފްކޯއަށް ވަނީ އަމުރުކޮށްފައެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު