ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) 2025 ގެ އިވެލުއޭޝަންތައް ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ފަށައިފިއެވެ.
ސަޓާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނޭޕާލްގެ ނޮމިނީސްތައް އިވެލުއޭޓް ކުރާނީ 23 މެއި އާ ހަމައަށް ކަމަށާއި އޭގެ ފަހުން ޖޫރީން ބޫޓާންގެ ޕާރޯއަށް ދާނެ ކަމަށެވެ.
މި މަހުގެ ކުރީކޮޅު ސްރީ ލަންކާގައި އިވެލުއޭޝަންތައް ކުރިއަށް ގެންގޮސްފައިވާއިރު ބެންގަލޫރުގައި ވަނީ ދެކުނު އިންޑިއާގެ އިވެލުއޭޝަން މަސައްކަތްތައް މި މަހު 15 އާ ހަމައަށް ކުރިއަށްގެންގޮސްފައެވެ. އޭގެ ފަހުން ވަނީ އުތުރު އިންޑިއާގެ ހުށަހެޅުންތައް ނިއު ދިއްލީގައި ކުރިއަށް ގެންގޮސްފައެވެ.
ސަޓާގެ ޖޫރީގައި ހިމެނެނީ އެކި ގައުމުތަކުގެ މާހިރުންނެވެ. ޖޫރީ ކޮންމެ ސިޓީއަކަށް ދަތުރުކޮށް ނޮމިނީސްތައް އިވެލުއޭޓް ކުރެއެވެ. މިއީ އިން-ޕަރސަން އިވެލުއޭޝަންތައް ބާއްވާ ހަމައެކަނި ޓްރެވަލް އެވޯޑެވެ.
ސަޓާއަކީ ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އެވޯޑުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުނަގައެވެ. މި އަހަރުގެ ސަޓާ ގްރޭންޑް ގާލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހު ސްރީ ލަންކާގައެވެ.
ސަޓާ
ސަޓާ
ސަޓާ