ދުންފަތާ ދެކޮޅަށް ކުރީ ސަރުކާރުތަކުން ފިޔަވަޅު ނޭޅީ ސިޔާސީ މަންފާ ހާސިލުކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެންމެންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް، ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނު ގެނައި އިސްލާހު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ރާއްޖޭގައި ކެންސަރު ޖެހޭ މީހުން ގިނަވަމުން އަންނައިރު، އެކަމަށް މަގުފަހިވާ އެންމެ ބޮޑު ކަމަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކަމަށެވެ.

ނަމަވެސް އެފަދަ ބަލިތައް މަދުކުރުމަށް ސަރުކާރުތަކުން މަސައްކަތް ކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ އަޅުގަނޑުމެންގެ ގައުމުގައި މި ލައިފްސްޓައިލް މި ޑިޒީސްތައް ހުއްޓުވުމަށް އެކަށީގެންވާ ކަންތައްކެއް ސަރުކާރުގެ ހިސާބުގައި ކުރެވި ނެތީއޭ. އެ ޕޮލިޓިކަލް ވިލް ނެތީ. އަބަދުވެސް އިސް ކުރެވެނީ ޕޮލިޓިކަލީ ސޭފް ސައިޑް. ހަގީގަތުގައި ގައުމު އިސްކޮށްގެން ގައުމުގެ ރައްޔިތުންނަށް ހެވާލާބަ އެދިގެން އިހުލާސްތެރި ކަމާއެކީގައި މި ކަހަލަ ކަމަކަށް ޓެކްލް ކުރެވިފަ ނެތް މިހާތަނަކަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނަށް މުހިންމީ ކަންކަމަށް ހަގީގީ ހައްލު ގެނެސްދިނުން ކަމަށެވެ. އަދި ދުންފަތާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އެ ވިޔަފާރީގައި އުޅޭ ފަރާތްތަކުން އެ މަނިކުފާނު ދެކެ ހިތްހަމަނުޖެހިފައި އެބަ ތިބި ކަމަށާއި އެ ފަރާތްތަކުން ހިތްހަމަނުޖެހުނު ނަމަވެސް ފަރުވާލެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.