އިންޑިއާ އަށް ބޯކޮށް ވާރޭވެހި ތިން މީހަކު މަރުވެއްޖެއެވެ.

އަންޑަމަން ކަނޑުގައި އުފެދިފައިވާ ސައިކްލޯނެއްގެ ސަބަބުން އިންޑިއާގެ ބެންގަލޫރުގެ ދެކުނުން އޮންނަ ސިލިކޮން ވެލީ ނަމުން މަޝްހޫރު ވެފައިވާ ސަރަހައްދަށް ހޯމަ ދުވަހުން ފެށިގެން ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގިނަ ހާދިސާތަކެއް ވަނީ ހިނގައިފަ އެވެ.

އެ ހާދިސާތަކާ ގުޅިގެން އެ ސިޓީގެ އެލާޓް ލެވެލް ވަނީ އެންމެ މައްޗަށް ޖައްސައިފައެވެ.

ވިއްސާރަ ވެހުމުގެ ސަބަބުން ސިލިކޮން ވެލީން ތިން މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި 12 އަހަރުގެ ކުއްޖަކުވެސް ހިމެނެ އެވެ.

ބެންގަލޫރަށް ވިއްސާރަވުމުގެ ސަބަބުން އޮފީސްތަކާއި ސްކޫލުތައް ބަންދުކޮށް، ގޭގައި ތިބެގެން އޮފީސް މަސައްކަތް ކުރެވޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.