މ. މުލި އެއާޕޯޓް ވެގެންދަނީ އެ ރަށާއި އަތޮޅަށް އިގުތިސޯދީ ގޮތުން ކުރިއެރުން ގެނެސްދޭ ތަނަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިއަދު ވަނީ މުއްޔަށް ވަޑައިގެން އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވައިފައެވެ. އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މުލި އެއާޕޯޓު މިއަދު ހުޅުވިއިރު އެ އެއާޕޯޓު ނިންމުމުގެ މަސައްކަތަށް 14 އަހަރުވެފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރުވެސް އެއާޕޯޓުގެ ގިނަ މަސައްކަތެއް ނިންމަން ހުރި ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މުލީގައި ޓޫރިޒަމް ފުޅާކުރުމުގެ ގޮތުން ދެ ރަށެއް ހިއްކައިދެއްވާނެ ކަމަށް އެ މަނިކުފާނު ވާނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން މުއްޔަށް ވަޑައިގެން ވައުދުފުޅުވެވަޑައިގެންފައި ކަމަށެވެ.

"އެކަމަށް އެންމެ މުހިންމީ އެއާޕޯޓު ހުޅުވިގެން ދިޔުން. އެހެންވީމާ މިއަދު މިވަނީ އެކަން ހާސިލުވެފަ. އިރާދަކުރެއްވިއްޔާ ޓޫރިޒަމް މިނިސްޓްރީން ތިބޭފުޅުންނާ ގުޅިވަޑައިގެން ދެން އޮތް މަރުހަލާގެ ކަންތައްތައް ރައްޔިތުން އެދޭގޮތަށް އަޅުގަނޑުމެން ބައްޓަންކޮށްދޭނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންނަށްވީ ވައުދު ފުއްދައިދޭނަން"

"ހަމައެއާއެކީގެ މި އަތޮޅުގެ ތަރައްގީއަށްވެސް މި އެއާޕޯޓް ވަރަށް މުހިންމު. މި ސަރަހައްދުގެ ރަށްތަކާ ޖުމްލަކޮށް އަތޮޅުގެ ތަރައްގީއަށް އެއާޕޯޓުގެ ސަބަބުން ވަރަށް ގިނަ ކުރިއެރުންތައް އަންނާނެ." ރައީސް ވިދާޅުވިއެވެ.

20 މޭ 2025، މ. މުލި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ވައިގެ މަގުން ގާތްގަނޑަކަށް ބައިގަޑިއިރު ތެރޭގައި ކޮންމެ ހިސާބަކުންވެސް ރައްޔިތުންނަށް ދަތުރުކުރެވޭނެ ގޮތް ހެދުމަކީ އެ މަނިކުފާނުގެ ސިޔާސަތެއް ކަމަށެވެ. އެ ސިޔާސަތުގެ ދަށުން މުލީގައި އެއާޕޯޓް ހުޅުވިގެން ދިޔުމުގެ ސަބަބުން ވަރަށް ގިނަ އިގުތިސޯދީ ކަންކަމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މުލީގެ އެއާޕޯޓް ހުޅުވުމަކީ އެ ރަށުގެ ތަރައްގީގެ ފެށުން ކަމަށާއި އިތުރަށް އެ ރަށުގެ ތަރައްގީއަށް ކުރަންޖެހޭ ބައިވަރު އެހެން ކަންކަން އެބަހުރި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނޭ ޓޫރިޒަމް ފުޅާކުރުމާއި ރަނގަޅު ފެންވަރަކަށް މުލީގެ މަގުތައް ހެދުމަކީ އެ މަނިކުފާނުގެ ވައުދުފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަންނަ އަހަރު މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މުލި ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެކު ސޮއިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫއު މިހާރު ވަނީ އަމަލީ ގޮތުން ފެށުމުގެ މަރުހަލާގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. - އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އެޕްރީލް މަހުގެ 14 ވަނަ ދުވަހުގައެވެ.

މިމަހުގެ 13 ވަނަ ދުވަހު ސަރުކާރުން ވަނީ 57 ރަށެއްގައި މުލި ހިމެނޭގޮތަށް ހައުސިން މަޝްރޫއު ހިންގައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ. މުލީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 300 ހައުސިން މަޝްރޫއެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ޓެންޑަރިން މަރުހަލާގެ ތެރެއިން ރަނގަޅު ފަރާތެއް ލިބި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިރަށަށް އަންނަން ބޭނުންވާ ފަރާތްތައް ތިބިކަމަށްވަންޏާ އެ ފަރާތްތަކަށްވެސް އަޅުގަނޑު ހަމަ މަރުހަބާ ކިޔަން މިގޮތަށް އިންފްރާސްޓްރަކްޗާ ގާއިމުކުރެވޭ ހާއްސަކޮށް އެއާޕޯޓުތައް ހެދި ބިން ހިއްކޭ ރަށްރަށަކީ ސަރަހައްދީ ގޮތުން ތަރައްގީކުރުމުގެ ވިސްނުމުގަ، އެހެން ރައްޔިތުންވެސް ބައިވެރިވާ ރަށްތަކަށްވާން. އެއީ ދެމެހެއްޓެނެވި ތަރައްގީއަކަށްވާނެ ގޮތަކީ، ހާސިލުވާނެ ގޮތަކީ. ރަށްރަށަށް ހިޖުރަ ކުރުން، އާބާދީ އެއްފަސްކުރުން. އެއީ ވަރަށް ބޮޑަށް އެއްބަޔަކު އަނެއްބަޔަކާ ގުޅިލާމެހިގެން ނޫނިއްޔާމުން ނުވާނެކަމެއް" ރައީސް ވިދާޅުވިއެވެ.

20 މޭ 2025، މ. މުލި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ ---- ފޮޓޯ: ރައީސް އޮފީސް

މުލީގެ ގޮނޑުދޮށް ހިމާޔަތް ކުރުމަކީވެސް އެ މަނިކުފާނުގެ ވައުދުފުޅެއް ކަމަށާއި މިއަންނަ އަހަރުގައި ބަޖެޓުގައި އެކަން ހިމަނައިގެން މަޝްރޫއުގެ މަސައްކަތް ހަމަ އެއަހަރު ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ނާލާފުއްޓާއި މުއްޔާ ކޯޒްވޭ އަކުން ގުޅުވާލުމަކީ އެ މަނިކުފާނުގެ ވައުދުފުޅެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފައްޓަވާނެ ކަމަށެވެ. އެއީ އެ މަނިކުފާނު އެ ދެ ރަށުގެ ރައްޔިތުންނަށްވެސް ވެވަޑައިގެންނެވި ވައުދުފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ގާތްގަޑަކަށް 650 އެއްހާ މީޓަރު ހުރީ މި ދޭތެރޭގަ. މި ގުޅުވާލުމަކީ އިގްތިސޯދީ މަސައްކަތެއް. އިގްތިސޯދީ ނަފާ އޭގެން ލިބޭ މަސައްކަތެއް، އިންވެސްޓްމެންޓެއް މީ. މި ގޮތަށް ގުޅުވާލެވުނީމަ އެއްވެސް ކުރެވުނީމަ ދެ ރަށުގެ ރައްޔިތުންނަށްވެސް ފައިދާ އެބަހުރި. ދެން ހަމަ ޔަގީނުންވެސް އެންމެ ބޮޑަށް ނާލާފުށީގެ ރައްޔިތުންނަށް މިހާރު ނުލިބޭ އެތައް ފަސޭހަަކަމެއް ލިބޭނެ. ދެ ރަށުގެ ރައްޔިތުންނަށްވެސް ފައިދާ އެބަހުރި" ރައީސް ވިދާޅުވިއެވެ.

އެ ކޯޒްވޭގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއަށް ކަމަށާއި އެ މަސައްކަތުގެ އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)ވެސް މިހާރު ހަދާ ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މަސައްކަތް ފެށިފައި، ނުހުއްޓި ބާރަށް ކުރިއަށްދާނެކަން އެ މަނިކުފާނު ޔަގީންކުރައްވާ ކަމަށާއި މަޝްރޫއުގެ މަސައްކަތް ނިންމަން ޖެހޭނީ 700 ދުވަހުގެ ތެރޭގައި ކަމަށް ވިޔަސް އެ މަނިކުފާނު އުންމީދު ކުރައްވަނީ އެއަށްވުރެ އަވަހަށް މަސައްކަތް ނިމިގެން ދިޔުން ކަމަށެވެ.

ނަލާފުށީގެ ބަނދަރު ތަރައްގީކުރާނެ ކަމަށް އެ މަނިކުފާނު ކުރިން ވިދާޅުވެފައިވާނެ ކަމަށާއި އެ ރަށުގެ ބިން އިތުރުކުރުމަށްވެސް ވައުދުފުޅުވި ކަމަށް ރައީސް ވިދާޅުވިއެވެ. އެ ދެ މަޝްރޫއުގެ މަސައްކަތް މިއަންނަ އަހަރުގެ ބަޖެޓުގައި ޖަހައިގެން އެ އަހަރު ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މ. އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ. އަދި ބައެއް ވައުދުފުޅުތަކުގެ މަސައްކަތް ފެއްޓެވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު ކުރީ ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތަކުގެ މަސައްކަތް ހުރީ ހުއްޓިފައި ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރެއިން ވަރަށް ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް އަލުން ފެށުމަށް ހުރިހާ ކަމެއް ވަނީ ނިމިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މިއަހަރުގެ މިހާތަނަށްވަނީ 309 މަޝްރޫއެއްގެ މަސައްކަތުގައި ސޮއިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތަކުގެ އަދަދު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެ ކުންފުންޏެއް މޮބިލައިޒްވެފަ ނޫނިއްޔާ މިހާރުވެސް މަސައްކަތައްކައް ގޮސްފައިވާ ރަށެއްގައް ދެން ހުރި އެހެން މަސައްކަތްތައް މި ހަވާލުކުރީ. އެވެސްހަމަ ކޮސްޓް އެފެކްޓިވްކޮށް މަސައްކަތްކުރުމަށްޓަކާ" ރައީސް ވިދާޅުވިއެވެ.

އެ މަސައްކަތައް އަވަހަށް ފެށުމަށްޓަކައި ތަރުތީބު ކުރަނީ ސަރުކާރުގެ ހުރިހާ އިދާރާއެއް ވަރަށް ގާތުން ގުޅިގެން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އޮފީހުގައި ކޮންމެ ހަފުތާއެކު ބައްދަލުވުމެއް ބާއްވައި އެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިއުމަށް ކުރެވެންހުރި ކަންކަން ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފިނޭންސް މިނިސްޓްރީން ދަނީ ކޮންމެ ދުވަހަކު މަޝްރޫއުގެ މަސައްކަތައް އަވަހަށް ނިންމުމަށް ކުރަންޖެހޭ ކަންކަން ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ޓީމެއްގެ ގޮތުގަ، ވަރުގަދަ ޓީމެއްގެ ގޮތުގަ ހުރިހާ ވަޒީރުންނާ، އެމްޑީސް ގުޅިގެން އެކަންކަން އެ ދަނީ" ރައީސް ވިދާޅުވިއެވެ.

މ. އަތޮޅާއި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރައްޔިތުންނަށް އެ މަނިކުފާނު ދެއްވަން ބޭނުންވާ ޔަގީންކަމަކީ ވައުދުފުޅުތައް ފުއްދުމަށް ސަމާލުކަން ދެމުންދާކަމާއި މިއަހަރުގެ ތެރޭގައި ބައެއްކަންކަން ފަށައި މިއަންނަ އަހަރަށް ތާވަލްކޮށްފައިވާ ކަންކަން ތަވާލާ އެއްގޮތަށް ކުރިއަށްދާނެކަން ކަމަށެވެ.

"ހަނދުމަފުޅު ހުންނާނެ އަޅުގަނޑު މި ދޭތެރެއިން ޕްރެސް ކޮންފަރެންސެއް ބޭއްވިން. އެ ދުވަހު ދެއްކިން ޕްރެޒެންޓޭޝަނެއް. އޭގަ ދެއްކިން ހުރިހާ މަޝްރޫއުތެއް މިހާރު ފަށަން ތާވަލުކުރެވިފަ ނޫނިއްޔާ ތަރުތީބު ކުރެވިފައި އޮތްގޮތް. އޭގެ މި ދަންނަވާލީ ހަމައެކަނި ވިސްނާފަ އޮތްގޮތެއް ނޫން، ހަމަ ކަނޑައެޅިފަ ހުރި ހިންގަމުންދާ ސަރުކާރުގެ ސިޔާސަތު. އެހެންވީމާ މި ދެންނެވި 390 މަޝްރޫއު އަދި އިތުރު ވިއްސަކަށް މަޝްރޫއު އޭގެ ތެރެއިން ވަރަށް އަވަހަށް ސޮއިކުރާނެ. އަދި މި ހަފުތާ ތެރޭގަ އަދި ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭ އެކީގަ އަދި އިތުރު ގާތްގަޑަކަށް 300 އެއްހާ މަޝްރޫއުގަ ސޮއިކުރެވޭނެ" ރައީސް ވިދާޅުވިއެވެ.

20 މޭ 2025، މ. މުލި އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ ---- ފޮޓޯ: ރައީސް އޮފީސް

އޭގެ ތެރޭގައި ޕްރައިވެޓް ސެކްޓާއަށް ހުޅުވާލާ މަޝްރޫއުތައްވެސް ހިމެނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެެހެންވީމާ 700 ނޫނިއްޔާ 800 އެއްހާ މަޝްރޫއު މިދިޔަ ފެބްރުއަރީން ފެށިގެން ކުރިއަށް ދެ މަހަކާ އެއްކޮށްލައިފިއްޔާ މި ގާތްގަޑަކަށް ހަތަރު ފަސްމަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މި ހަވާލުކުރަނީ އެކި ކުންފުނިތަކާ" ރައީސް ވިދާޅުވިއެވެ.

އެ މަޝްރޫއުތަކުގެ މަސައްކަތްތައް ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫއުތަކުގެ މަސައްކަތް ކުރެވޭނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އެގޮތަށް ކަންތައް ރާވައިގެން މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.