އިޓަލީ ލީގުގެ ތަށްޓަށް ވާދަކުރަމުންދާ ނަޕޯލީއާއި އިންޓަ މިލާނުން ރޭ ލީގުގައި ކުޅުނު މެޗުތައް އެއްވަރުވުމާއެކު، ލީގު ޗެމްޕިއަންކަން ޔަގީންކުރުމަށް ފަހު ދުވަހަށް އިންތިޒާރުކުރަން ޖެހިއްޖެއެވެ.
އިޓަލީ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް ނަޕޯލީން ރޭ ޕާމާ ކައިރިން ރަށުން ބޭރުގައި 0-0 އިން އެއްވަރުވެފައިވާ އިރު، ދެވަނައިގައި އޮތް އިންޓަ މިލާނުން ރޭ ލާޒިއޯއާ އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.
ދެޓީމަށްވެސް ޕޮއިންޓެއް ލިބުމާއެކު އިޓަލީ ލީގުގެ ޗެމްޕިއަން ޔަގީންކުރުމަށް ޖެހުނީ ފަހު މެޗުތަކަށް އިންތިޒާރުކުރާށެވެ. އިޓަލީ ލީގުގައި ނަޕޯލީއާއި އިންޓައިންވެސް މިހާތަނަށް 37 މެޗު ކުޅެފައިވާ އިރު، ނަޕޯލީ އެއްވަނައިގައި އޮތީ 79 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އިންޓައިން 78 ޕޮއިންޓާއެކު އޮތް އިރު، ނަޕޯލީއަށް ދެން އޮތީ ކަގިލިއާރީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި އޮތް މެޗެވެ.
ޗެމްޕިއަންސް ލީގުގައި ފައިނަލުގައި އޮތް އިންޓައަށް ދެން އޮތީ ކޯމޯއާ ދެކޮޅަށް ރަށުން ބޭރުގައި އޮތް މެޗެވެ. އެ ދެމެޗުވެސް އެއް ވަގުތެއްގައި އޮންނާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.
ރޭ ނަޕޯލީން ތަށި ޔަގީންކުރަން މެޗަށް ނުކުތް ނަމަވެސް، ރެލިގޭޝަނާ ހަނގުރާމަކުރަމުންދާ ޕާމާއިން ކުރީކޮޅުގައި މާ ބޮޑަށް ނުރައްކާ ކުރިއެވެ. އަންގެ-ޔޯން ބޮނީގެ ހަމަލާތައް ފެނިގެން ގޮސްފައިވާ އިރު، ޖިއޮވާނީ ޑި ލޮރެންޒޯއާއި އާމިރް ރަހްމާނީވެސް ޕާމާއަށް ނުރައްކާކުރިއެވެ.
ފަހުން ނަޕޯލީން މެޗަށް ވަދެ، ލީޑަކަށް މަސައްކަތް ކުރިއެވެ. އަންދްރޭ-ފްރޭންކް އަންގޫސާއާއި ސްކޮޓް މެކްޓޮމިނީގެ ހަމަލާތައް ފެނިގެން ދިޔަ ނަމަވެސް، އެޓީމަށް ގޯލެއް ޖެހޭނެ ގޮތެއް ނުވިއެވެ.
އިންޓައިން އެއްވަރުވި މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް އެޓީމުން ވަނީ ލީޑު ނަގައިފައެވެ. އެއީ ޔާން އޮރެލް ބިސެކް ޖެހި ގޯލެކެވެ. އޭގެފަގުން ދެވަނަ ހާފުގައި ޕެޑްރޯ ރޮޑްރިގޭޒް ޖެހި ގޯލަކުން ލާޒިއޯ އެއްވަރުކުރި އިރު، ޑެންޒިލް ޑަމްފްރީސް ވަނީ އިންޓައަށް ދެވަނަ ފަހަރަށްވެސް މެޗުގެ ލީޑު ނަގައިދީފައެވެ.
މެޗުގެ ފަހުކޮޅު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އިންޓަ ކޯޗާއި ލާޒިއޯ ކޯޗަށްވެސް ރަތް ކާޑު ދެއްކިއެވެ. އިންޓަ މޮޅުވާން ދަނިކޮށް 90 ވަނަ މިނެޓުގައި ލާޒިއޯއަށް އެއްވަރު ކޮށްދިނީވެސް ޕެޑްރީއެވެ. އެއީ ލިބުނު ޕެނަލްޓީއަކުންނެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ